ދުނިޔެ

ސައުދީ އެމްބަސީން ނޫސްވެރިޔާ ނުކުތް ކަމުގެ ހެކި ދައްކަން ގޮވާލައިފި

Oct 9, 2018

އިސްޓަންބުލް (އޮކްޓޯބަރު 9) - ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއަކު ތުރުކީގައި ހުންނަ ސައުދީ އެމްބަސީ އިން ނުކުމެފައިވާކަމަށް ސައުދީ ސަރުކާރުން ބުނާއިރު، އެކަމުގެ ހެކި ދެއްކުމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނު ގޮވާލައްވައިފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ސީދާ ފާޑުވިދާޅުވާ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ކަޝޯގީ އެންމެ ފަހުން ފެނިފައިވަނީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ވަންނަނިކޮށެވެ.

އޭނާ ގެއްލިގެން ތުރުކީ ސަރުކާރުން ތަހުގީގު ފަށާފައިވާއިރު، އޭނާ ސައުދީ އެމްބަސީ ތެރޭގައި މަރާލި ކަމަށް ބެލެވޭ ކަމަށް ތުރުކީގެ އޮފިޝަލަކާ ހަވާލާދީ ބީބީސީގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އަދި ސައުދީ އެމްބަސީގެ ތެރެއަށް ވަދެ ޖަމާލު ހޯދުމުގެ ހުއްދަ ދިނުމަށްވެސް ތުރުކީން ވަނީ އެދިފަ އެވެ.

ނަމަވެސް، ސައުދީ ސަރުކާރުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. އަދި ޖަމާލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

"އޭނާ [ޖަމާލު] ނުކުތް ކަމަށް ސައުދީ އެމްބަސީން ބުނުމަކުން ނުފުދޭނެ، އޭނާ ހަގީގަތުގައި ވެސް އިމާރާތުން ނުކުތްނަމަ، އެކަމުގެ ހެކި ދައްކަންޖެހޭނެ،" އުރުދުޣާން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅޭގޮތުން ސައުދީ ސަރުކާރުން ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބްލޫމްބާގު ނޫހަށް ދެއްވި އިންޓަވިއު އެއްގައި، މުހައްމަދު ބިން ސަލްމާން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، ސައުދީ އެމްބަސީ ހުންނަ އިމާރާތް ބަލާ ފާސްކުރުމަށް ތުރުކީ ސަރުކާރަށް ދައުވަތު ދެއްވައިފަ އެވެ.

"އޭނާ އަކީ ސައުދީ ރައްޔިތެއް، އޭނާއަށް ވީ ގޮތެއް ބަލަން އަޅުގަނޑުމެން ވެސް ބޭނުން، އެހެންކަމުން އޭނާއަށް ވީގޮތެއް ބެލުމަށް އަޅުގަނޑުމެންވެސް މިދަނީ ތުރުކީ ސަރުކާރާއެކު ވަރަށް ގާތުން މަޝްވަރާކުރަމުން،" މުހައްމަދު ބިން ސަލްމާން ބްލޫމްބާގަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަންކަމަށްވެ އެވެ. އޭނާ ކައިވެނި ކުރަން އުޅޭ އަންހެން މީހާއާއެކު އެމްބަސީއަށް ދިޔަ ނަމަވެސް، އަންހެން މީހާ މަޑުކުރީ އިމާރާތުގެ ބޭރުގައިކަމަށް ވެސް ވެ އެވެ. ޖަމާލް އިމާރާތުން ނުކުމެފައިނުވާ ކަމަށް އެ އަންހެން މިހާ މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް، ސައުދީ ސަރުކާރުން ބުނީ، ލިޔެކިޔުންތައް ފުރިހަމަކޮށްގެން ހަމަ އެ ދުވަހު ޖަމާލް އެމްބަސީ އިން ނުކުމެފައިވާ ކަމަށެވެ.