ހަބަރު

އޭސީސީގެ ހުއްދައާއެކު ގޯތި ދޫކުރަން މިއަދު ފަށާނަން: މުއިއްޒު

އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުއްދައާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުން މިއަދު ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000، އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. އެގޮތުން ފޯމްތައް ވެސް ދޫކުރަން ފަށާފައި ވަނިކޮށް އޭސީސީ އިން ވަނީ އެކަމުގައި ނާޖާއިޒް ފައިދާއަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ބުނެ މަޑު ޖައްސާލަން އަންގައިފަ އެވެ.

ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އޭސީސީ އިން އަލުން އެ ހުއްދަ ދީފައިވާ ކަމަށާއި އެގޮތުން ގޯތި ވިއްކުމުގެ މަސައްކަތްތައް މިއަދު އަލުން ފަށާފައިވާ ކަމަށެވެ.

"މީގެ ކުޑަ އިރުކޮޅެއް ކުރިން އޭސީސީން ވަނީ ގޯތި ދޫކުރުމަށް ހުއްދަ ދެއްވާފަ، މިއީ ރައީސް ޔާމީންގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމަށް ދަތިވެފައިވާ ރައްޔިތުންނަށް އެކި ފަހަަރު މަތިން ހިންގި ސިލްސިލާތަކުގެ ތެރެއިން މަސައްކަތެއް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ހަވީރު 4:00 އިން ފެށިގެން ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނެ ކަމަށެވެ. އަދި ފޯމް ބަލައިގަތުން އަންނަ އާދިއްތަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ދިޔަވައްސަކީ އެޗްޑީސީގެ އެސެޓެއް ކަަމަށާއި ބިން ވިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ދަނީ ބިންވިއްކުމާއި ގޯތި ވިއްްކުމުގެ އުސޫލުން ކަމަށެވެ. އަދި 1000 އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް 400 ރުފިޔާއަށް ވިއްކަން ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލާއި އެޗްޑީސީގެ އިސްވެރިންނާއި ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމުގައި ހައުސިންގެ ދައުރެއްގެ ގޮތުގައި އީވައިސީން ކަނޑައަޅާފައިވަނީ، އަޅުގަނޑުމެންނަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހިންގުމުގައި އިސް ވުޒާރާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ދައުުރަކީ މި 400 ގޯތި ގަންނަ ފަރާތްތައް ކަނޑައެޅުން، އަޅުގަނޑުމެން ނުއެއް ވިއްކަން ތަންތަނެއް، އެތަންތަން ވިއްކާނީ އެޗްޑީސީން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ގޯތި ވިއްކާނެ ފަރާތްތައް ކަނޑައަޅައި އެޗްޑީސީއާ ހަވާލު ކުރުމުން ގޯތިތައް ވިއްކާނީ އެޗްޑީސީން ކަަމަށާއި އެފަރާތްތަކާއި ކޮންޓްރެކްޓް ހަދާނީ އެޗްޑީސީން ކަމަށެވެ. އަދި އެ ބިމުގެ ފައިސާގެ ޑައުންޕޭމަންޓާއި މަހުން މަހަށް ލިބޭ ފައިސާވެސް ލިބޭނީ އެޗްޑީސީއަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އީވައިސީން ކަނޑައަޅާފައިވަނީ ދެގޮަތަކަށް އެޗްޑީސީގެ ބިންތައް ވިއްކުމަށް ކަމަށާއި އެއްގޮތަކީ ސޯޝަލް ހައުސިންގެ 400 ގޯތި ވިއްކުން ކަމަށެވެ. އަދި ދެވަނަ ގޮތަކީ ހައި އެންޑް ބީޗް ފްރޮންޓް 100 ބިން ބީލަމުން ވިއްކުން ކަމަށެވެ. އެބިންތައް ވިއްކަން ފަށާނެ އަގަކީ 2000 ރުފިޔާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެ 100 ބިމުގެ ސަބަބުން އެޗްޑީސީއަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށެވެ. އެހެން ކަމުން 400 ބިން ކުޑަ އަގެއްގައި ވިއްކި ނަމަވެސް އެ 100 ބިމުގެ ސަބަބުން ފައިދާވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.