އެމްޑީޕީ

ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި، ހައްޔަރެއް ނުކުރެވޭނެ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީއިން މިއަދު ބުނެފި އެވެ.

ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގި ގޮތުގެ ކަންބޮޑުވުން ވަރަށް ގިނަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަމަށާއި އދ.އިން ވެސް އެކަން ފާހަގަކޮށް އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

އދ.ގެ ވޯކިން ގުރޫޕުން ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާނޫނާ ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އދ.އިން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ އެމަނިކުފާނަކީ މިނިވަނެއް ކަމުގައި އދ.އިން ވެސް ކަނޑައަޅާފައިވަނިކޮށެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ތިބީ ވަރަށް ބޮޑަށް ބޭނުންވެފަ ކަމަށެވެ.

"މިހާރު ވެސް ރައީސް ނަޝީދު ހުންނެވީ މިނިވަނެއްގެ ގޮތުގައި، ރައީސް ނަޝީދު ވަޑައިގެން ސިޔާސީ އަދި މަދަނީ ހައްގުތައް ބޭނުން ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ނޮވެމްބަރު އެކެއްގައި ވަޑައިގަންނަވާއިރު،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކާއެކު ދައްކަން ޖެހޭ ވާހަކަތައް ދައްކަމުންދާ ކަމަށާއި ޕާޓީއެއްގެ ހައިސިއްޔަތުން ރާއްޖޭގައި ކުރަންޖެހޭ ކަންކަން އެ ޕާޓީން ކުރަމުންދާ ކަަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލެއް ހަސަން ނުދެއްވަ އެވެ.

"ހުރިހާ ކަމެއް މި ދަނީ ކުރަމުން، އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައިކަން، ދައުލަތުގެ އެއްވެސް ފަރާތަކަށް ރައީސް ނަޝީދުގެ ހަށިކޮޅުގަ އަތްލެވޭ ގޮތަކަށް ނޫން ވަޑައިގަންނަވާނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް އަދި ރާއްޖޭގެ އެއްވެސް ކޯޓަކުން ބާތިލްކޮށްފައެއް ނުވެ އެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަކަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފޮނުވީ ސަރުކާރަށް އަންނަމުންދިޔަ ޕްރެޝަރުތަކާ ގުޅިގެންނެވެ. އޭގެފަހުން އެމަނިކުފާނު އެނބުރި ވަޑައިނުގަންނަވަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައީސް ނަޝީދު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ރައީސް ނަޝީދުގެ މައްސަލާގައި އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނުއިއްވަ އެވެ. އެހެންކަމުން އެ ނިންމުން ސުޕްރީމް ކޯޓުގައި ރިވިއުކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަން ކުރަމުންދާ ކަމުގެ މައުލޫމާތެއް ހަސަން ލަތީފް މިއަދު ނުދެއްވި އެވެ.

ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުމާއެކު މާލޭގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހަރަކާތްތައް ބާއްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އެކަމުގައި ބައިވެރިވުމަށް ހަސަން ވަނީ ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ. އެކި ރަށްރަށުން ވެސް ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ބޭނުންވާތީ އެ ރައްޔިތުންނަށް ވެސް މާލެ އައިސް ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ދައުވަތު ދެއްވާ ކަމަށް ހަސަން ވިދާޅުވި އެވެ.