ހަބަރު

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދުން ފެށިގެން އާދިއްތަ ދުވަހަށް

ސަރުކަރުން ހިންގާ "ހިޔާ" މަޝްރުއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު މިއަދު އިއުލާން ކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފްލެޓް ދިނުމުގައި އެފަރާތުގެ ހާލަތައް ވިސްނާފައިވާނެ ކަަމަށާއި ފްލެޓްތައް ދީފައިވަނީ ވަރަށް ބަލައި ވަރަށް ގިނަ ގޮތްގޮަތަށް ބަލައިގެން އަޅާ ކިޔައިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިފަހަރު ފްލެޓް ދިނުމުގައި މައްސަލަ ޖައްސާނެ މާބޮޑު ޖާގައެއް ނޯންނާނެ ކަމަށެެވެ. އެގޮތުން ފްލެޓް ބެހުމަށް އޭސީސީން ހުއްދަ ދިނުމަށްފަހު ދަންނަވާފައި އޮތީ ލިސްޓް އިއުލާން ކޮށްފައި ޝަކުވާ ހުށައަޅަން ފުރުސަތުދީ ލިބޭ ޝަކުވާތަކަށް ލިޔުމުން ޖަވާބުދީފައި ދާއިމީ ލިސްޓް ނެރުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އެއީ ކުރިންވެސް އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮަތަކީ، އެގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާއި ހަމައަށް، ޝަކުވާ ހުށަހަޅާ ފޯމެއް އިންނާނެ، އެ ފޯމުން ޝަކުވާ ހުށަހެޅޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ޝަކުވާ ހުށަހެޅުމުން އެ ޝަކުވާއަށް ލިޔުމުން ޖަވާބު ދިނުމަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، އެއްވެސް ފަރާތަކަށް ނުހައްގުން ފްލެޓް ދީފައިވާ ކަމަށް މިފަހަރު ވިދާޅުނުވެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށާއި އެގޮތުން ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ސިވިލް ސާވިސްް ބޭފުޅުން އެބޭފުޅެއްގެ މިނިސްޓްރީގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އިއުލާން ކުރީ 10 ދިހަ ކެޓަގަރީ އެކެވެ. އެ ކެޓެގަރީމތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެވެ.