ހަބަރު

ކުރީގެ މެޖިސްޓްރޭޓް ނިހާންގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކޮށް، ރަހީނު ކުރަން އުޅުނު ކަމަށްބުނެ، ޖަލު ހުކުމެއް އިއްވާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ހައިކޯޓުގައި ތާވަލްކޮށްފި އެވެ.

އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާގެ ހެނދުނު 11:15 އަށެވެ. އެ މައްސަލައާއި ގުޅިގެން ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިޔުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރި އެފަދަ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ނިހާންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ނިހާންގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އެ ހުކުމް ނިހާންގެ މައްޗަށް އިއްވާފައިވަނީ އާ ޓެރަރިޒަމްގެ ގާނޫނުގެ ހަވަނަ މާއްދާގެ ނ. އާ ހަވާލާދީ އެވެ. ނިހާންގެ އިސްތިއުނާފު އަޑުއެހުން ތާވަލްކޮށްފައިވާ އިރު، އޭނާގެ ވަކީލު ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވަނީ ސުޕުރީމްކޯޓުން ދިވެހި ރާއްޖޭގެ ކޯޓުތަކާއި، ޓްރައިބިއުނަލް ތަކުގައި ވަކާލާތު ކުރުމުން، ސަސްޕެންޑްކޮށްފަ އެވެ.