ބޮލީވުޑް

ޕްރިޔަންކާ ޕްރޮޑިއުސްކުރި ފިލްމެއް، އެންމެ މޮޅު ފިލްމަކަށް

ޕްރިޔަންކާ ޗޯޕްރާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ޕާޕުލް ޕެބުލް ޕިކްޗާސްއިން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ފިލްމުތައް އުފައްދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގައި ވާހަކަ ދައްކައި އުޅޭ ހިންދީ ބަސް ނޫނީ އެހެން ބަސްތަކުން އުފައްދާފައިވާ ފިލްމުތަކެވެ.

މި އަހަރު ވެސް ހަތަރު ފިލްމެއްގައި މަސައްކަތް އެ ޕްރޮޑަކްޝަނުން ކޮށްފައިވެ އެވެ. މިދިޔަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ސިކްކިމީސް ފިލްމެއް ކަމުގައިވާ "ޕަހުނާ: ދި ލިޓުލް ވިޒިޓާސް" އަށް، ޖާމަނީގައި ބޭއްވި ޝިލިންގެލް އިންޓަނޭޝަނަލް ޗިލްރަންސް ފިލްމު ފެސްޓިވަލުގައި ޖުރީގެ ފަރާތުން ހޮވާ އެންމެ މޮޅު ފިލްމުގެ ޝަރަފު މިހާރު ވަނީ ލިބިފަ އެވެ.

އެ ފިލްމަށް ވަނީ ޕްރޮފެޝަނަލް ޖޫރީގެ ފަރާތުން ހާއްސަ ތައުރީފުތަކެއް ވެސް ލިބިފަ އެވެ.

ފިލްމުގެ ކާމިޔާބީ ފާހަގަކޮށް ޕްރިޔަންކާ ކުރި ޓުވީޓެއްގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުން ފިލްމަށް ތައުރީފުތައް ލިބިގެންދާތީ އުފާކުރާ ކަމަށާއި އަދި ފިލްމުގެ މަސައްކަތްކުރި ހުރިހާ މީހުނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ޕްރޮޑަކްޝަންގެ ދެން އޮތް ފިލްމަށް ލިބޭނެ ތަރުހީބު ބަލާލަން ކެތްމަދުވެފައި ހުރިކަމަށްވެސް ބުންޏެވެ.

މި ފިލްމު ޑައިރެކްޓުކުރީ ޕާކީ އޭ ޓައިރެވާލާ އެވެ. ޕްރިޔަންކާ ވަނީ އޭނާގެ މަސައްކަތްވެސް ޝުކުރު އަދާކޮށް މަރުހަބާ ކިޔާފައި އެވެ. "ޕަހުނާ: ދި ލިޓުލް ވިޒިޓާސް" ވޯލްޑް ޕްރިމިއާ ކުރީ މިދިޔަ އަހަރު ބޭއްވި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި އެވެ.

މި ފިލްމުގައި ދައްކުވައި ދެނީ ނޭޕާލްގެ ކުޑަ ދެ ކުދިން އެ ކުދިންގެ މައިންބަފައިންނާއެކު ނޭޕާލްއިން އިންޑިއާށް ވަންނަ ބޯޑަރު ހުރަސްކުރާތަނުން އެ ކުދިންނަށް އެ ކުދިންގެ މައިންބަފައިން ގެއްލުމުން ދިމާވާ ކަންތައްތަކެވެ. އަދި އެ ދެ ކުދިން ސަލާމަތުން ދިރި ތިބުމަށް ކުރާ މަސައްކަތްވެސް ދައްކުވައިދެ އެވެ.