ހޮލީވުޑް

މާވެލް ދޫކޮށްލާފައި ޖޭމްސް ގަން ޑީސީއަށް

ބޭއަދަބީ ޓުވީޓުތަކެއް ކޮށްގެން މާވެލް ސިނަމެޓިކް ޔުނިވާސްގެ "ގާޑިއަންސް އޮފް ދި ގެލެކްސީ" ގެ ތިން ވަނަ ފިލްމުގެ ޑައިރެކްޝަނުން ބޭރުކުރި ޖޭމްސް ގަން، މާވެލްގެ ވާދަވެރި ސްޓޫޑިއޯއެއް ކަމުގައިވާ ޑީސީ ސުޕަހީރޯ ފިލްމުތައް ގެނެސްދޭ ވޯނާ ބްރަދާސްއާ ގުޅިއްޖެ އެވެ.

ޖޭމްސް ހަވާލުވަނީ ވޯނާއިން މިހާރު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ސުއިސައިޑް ސްކޮޑް" ގެ ސްކްރިޕްޓު ތައްޔާރުކުރުމާ އެވެ. ސްކްރިޕްޓު ތައްޔާރުކުރުމާ ހަވާލުވި ނަމަވެސް އެ ފިލްމު އޭނާ ޑައިރެކްޓުކުރާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

މާވެލްގެ ފިލްމުތައް ގެނެސްދޭ ޑިޒްނީއިން، ޖޭމްސް ބޭރުކުރީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރުގެ ދެމެދުގައި އޭނަ ކުރި ޓުވީޓުތަކަކާ ގުޅިގެންނެވެ. އެ ޓުވީޓުތަކުގައި އޭނާ ވަނީ ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާ ބެހޭގޮތުން ޖޯކު ޖަހާފައި އެވެ.

ޖޭމްސް އަނބުރާ "ގާޑިއަންސް އޮފް ދި ގެލެކްސީ" ގެ ތިން ވަނަ ފިލްމުގެ ޑައިރެކްޝަނަށް ގެނައުމަށް އެ ފިލްމުގެ ހުރިހާ ކާސްޓުން ވަނީ ސިޓީއެއްގައި ސޮއިކޮށް ޑިޒްނީއަށް ފޮނުވާފަ އެވެ. އަދި ފޭނުންވެސް ވަނީ ޖޭމްސް އަނބުރާ ގެނައުމަށް ޑިޒްނީއަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

ޑިޒްނީއިން ވަނީ އެމީހުންގެ ނިންމުމަށް ދެން އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ބުނެފަ އެވެ.