ދުނިޔެ

އދ. ގައި ހުންނަވާ އެމެރިކާ ސަފީރު ކުއްލިއަކަށް އިސްތިއުފާ ދެއްވައިފި

Oct 10, 2018

ވޮޝިންގްޓަން (އޮކްޓޯބަރު 9) - އދ. އަށް އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ނިކީ ހޭލީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު، ޓްރަމްޕް ވިދާޅުވީ ހޭލީ ވަނީ ގައުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.

ކުރީގެ ސައުތު ކެރޮލައިނާގެ ގަވަރުނަރު ކަން ކުރެއްވި ހޭލީ އަކީ ޓްރަމްޕްގެ ކެބިނެޓުގައި ހިމެނޭ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި 46 އަހަރުގެ ހޭލީ އިސްތިއުފާ ދެއްވީ ދެން އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

ހޭލީގެ ބަދަލުގައި އައްޔަނު ކުރައްވާ ބޭފުޅެއްގެ ނަން ދެ ތިން ހަފްތާގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ހޭލީގެ މަގާމަށް ޓްރަމްޕްގެ ދަރިކަނބަނލުން އިވަންކާ ޓްރަމްޕް ވަރަށް ގާބިލުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިވަންކާ ވަނީ އެ މަގާމު އަދާކުރެއްވުމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ސީރިއާ ހަނގުރާމައިން ފެށިގެން، އިޒްރޭލު-ފަލަސްތީނުގެ މައްސަލާގައި ހޭލީ އަކީ، ޓްރަމްޕްގެ ހާރިޖީ ސިޔާސަތުތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތައް، ބައިނަލްއަގުވާމީ މުޖުތަމައުގައި ދިފާއުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.