ދުނިޔެ

ނޫސްވެރިޔާގެ މައްސަލާގައި ސައުދީ އެމްބަސީ ބަލާ ފާސްކުރަން ހުއްދަ ދީފި

Oct 10, 2018

އިސްޓަންބުލް (އޮކްޓޯބަރު 9) - ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއަކު ތުރުކީގައި ހުންނަ ސައުދީ އެމްބަސީއިން ނުކުމެފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނާއިރު، އެ އިމާރާތް ހޯދުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފައިވާ ކަމަށް، ތުރުކީގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ސީދާ ފާޑުވިދާޅުވާ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ކަޝޯގީ އެންމެ ފަހުން ފެނިފައިވަނީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ވަންނަނިކޮށެވެ.

އޭނާ ގެއްލިގެން ތުރުކީ ސަރުކާރުން ތަހުގީގު ފަށާފައިވާއިރު، އޭނާ ސައުދީ އެމްބަސީ ތެރޭގައި މަރާލި ކަމަށް ބެލެވޭ ކަމަށް ތުރުކީގެ އޮފިޝަލަކާ ހަވާލާދީ ބީބީސީގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

"ސައުދީ ސަރުކާރުން ވަނީ ތަހުގީގަށް އެއްބާރުލުންދީ އެމްބަސީ ތެރެއަށް ވަނުމުގެ ހުއްދަ ދޭނެކަމަށް ބުނެފައި،" ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެމްބަސީއަށް ވަދެ ޖަމާލަށް ވީގޮތެއް ބެލުމަށް ފޮނުވާ ޓީމުގައި، ދެ ޕްރޮސެކިއުޓަރުން ހިމެނެ އެވެ. ނަމަވެސް، އެ ޓީމުން ޖަމާލު ހޯދުމަށް ސައުދީ އެމްބަސީއިން ވަންނަން ހަމަޖެހިފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާއި ގުޅޭގޮތުން ސައުދީ ސަރުކާރުން ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބްލޫމްބާގު ނޫހަށް ދެއްވި އިންޓަވިއު އެއްގައި، މުހައްމަދު ބިން ސަލްމާން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، ސައުދީ އެމްބަސީ ހުންނަ އިމާރާތް ބަލާ ފާސްކުރުމަށް ތުރުކީ ސަރުކާރަށް ދައުވަތު ދެއްވައިފަ އެވެ.

"އޭނާ އަކީ ސައުދީ ރައްޔިތެއް، އޭނާއަށް ވީ ގޮތެއް ބަލަން އަޅުގަނޑުމެން ވެސް ބޭނުން، އެހެންކަމުން އޭނާއަށް ވީގޮތެއް ބެލުމަށް އަޅުގަނޑުމެންވެސް މިދަނީ ތުރުކީ ސަރުކާރާއެކު ވަރަށް ގާތުން މަޝްވަރާކުރަމުން،" މުހައްމަދު ބިން ސަލްމާން ބްލޫމްބާގަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަންކަމަށްވެ އެވެ. އޭނާ ކައިވެނި ކުރަން އުޅޭ އަންހެން މީހާއާއެކު އެމްބަސީއަށް ދިޔަ ނަމަވެސް، އަންހެން މީހާ މަޑުކުރީ އިމާރާތުގެ ބޭރުގައިކަމަށް ވެސް ވެ އެވެ. ޖަމާލް އިމާރާތުން ނުކުމެފައިނުވާ ކަމަށް އެ އަންހެން މިހާ މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް، ސައުދީ ސަރުކާރުން ބުނީ، ލިޔެކިޔުންތައް ފުރިހަމަކޮށްގެން ހަމަ އެ ދުވަހު ޖަމާލް އެމްބަސީ އިން ނުކުމެފައިވާ ކަމަށެވެ.