ސައި ހޮޓާތަކަކީ އާންމުކޮށް ހަމަ އަޑުގަދަ ތަންތަނެވެ. ހަޅޭ ލެވުމުގައި މަސް މާރުކޭޓަކާއި ބާޒާރު މައްޗަށް ވަކި ސައި ހޮޓާތަކަކުންވެސް ދުލެއް ނުދެ އެވެ. ސިޔާސީ ބަހުސްތަކާއި ސަކަ އަގަ ތަޅާލުމަށް ސައި ހޮޓާގެ ސުފުރާ މަތިވަރެއް ގިނަ މީހުނަށް އަދިވެސް ނެތެވެ. ދެ ތިން ހަތަރު ޖަނަރޭޓަރު ހުރި އިންޖީނުގެއަކާއި އެއްވަރަށް ސައި ހޮޓާތަކުގެ ތެރޭގައި އަޑު
ހުރެ އެވެ.
ބައެއް ފަހަރު ސައި ހޮޓާތަކަށް ސައިބޯން ދާ ފަރާތްތަކަށް މިއީ ވަރަށް އުނދަގޫވާ ކަމެކެވެ. ބަނޑަށް އެއްޗެއްލާއި ހަމަޖެހިލުމަށް ދާ ގަޑީގައި ބަޔަކު އަޑުގަދަކޮށް ޒުވާބުކުރުމާއެކު އަންނަނީ ރުޅި އެވެ. ހޮޓާތަކުގެ އިސްވެރިން އެގޮތަށް ކަންތައް ނުކުރުމަށް ކަސްޓަމަރުންނަށް އަންގާ ހިސާބަށް ވެސް ދެއެވެ. އެކަމަކު ގިނަ ފަހަރަށް އޮންނަނީ އެވަރުންވެސް ހައްލެއް ނުލިބިފައި އެވެ.
ރާއްޖޭގެ އުތުރުން، ށ. ފުނަދޫގައި ހުންނަ ސައި ހޮޓަލަކުން މިހާރު ވަނީ މިކަން ހައްލު ނުވެގެން މޮޅު ކަމެއް ކުރަން ފަށާފައި އެވެ. ފުނަދޫގެ ގުޑް އައިޑިއާ ސައި ހޮޓަލުން މިހާރު ހޮޓަލަށް ވަދެ އަޑުގަދަކުރާ މީހުންގެ ބިލު ކަނޑަނީ ލެވި ހަޅޭކަށްވެސް އަގު ހިމަނާފައި އެވެ. އެ ހޮޓަލުގެ ހިންގުންތެރިޔާ މުހައްމަދު ތަސްނީމް ބުނީ އެގޮތަށް އެކަން ކުރަންޖެހުނީ ނަސޭހަތްދީގެންނާއި އިންޒާރުދީގެންވެސް ހަމައަކަށް ނޭޅުމުން ކަމަށެވެ.
"މި އިންތިހާބަށްފަހު މިކަމެއް ކުރަން ފެށީ. އެކި މީހުން ހޮޓަލަށް ވަދެ ސިޔާސީ ކަންކަމާއި ބަހުސްކޮށް ހޮޓަލަށް އަންނަ އެހެން ކަސްޓަމަރުންނަށް އުނދަގޫވާ ހިސާބަށް ދިޔައީމަ މިކަން ނުކޮށް ނުވީ، ދެ ޕާޓީގެ މީހުން ހޮޓަލަށްވަދެ އެބަ ޒުވާބުކުރޭ. އެހެން ހެދީމަ ހަމަޖެހިލައިގެން ކާން އަންނަ އެހެން މީހުނަށް ކިހާ އުނދަގުލެއް ވާނެ،" ތަސްނީމް ބުންޏެވެ.
ތަސްނީމް ބުނީ ހޮޓަލުގެ ތެރޭގައި އަޑުގަދަ ނުކުރުމަށް އަންގާ އިންޒާރުގެ މެސެޖުތައްވެސް ހޮޓަލުގެ ތެރޭގައި ހަރުކޮށްފައި ހުންނާނެ ކަމަށެވެ. ނަމަވެސް ގިނަ މީހުން އެގޮތަށް ކަންތައް ކުރާތީ މިހާރު 20 ރުފިޔާގެ ރޭޓުން އަޑުގަދަ ކުރާ މީހުން ބިލަށް ޗާޖުކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް އެގޮތަށް ދެ މީހަކު ވަނީ ޗާޖުކޮށްފައި އެވެ.
ގުޑް އައިޑީ ހޮޓަލުން މިކަން ހައްލުކުރުމަށް "ގުޑް އައިޑިއާއެއް" ހޯދައިފި އެވެ. އެކަމަކު އަގެއް ނައިގެންގެންވެސް މިކަމަށް ހައްލެއް ލިބޭނެބާއޭ ހިތަށް އަރަ އެވެ.