ގާސިމް އިބްރާހިމް

ރީޓްވީޓްކުރީ އަލްހާންގެ ވާހަކަތައް ރަނގަޅުވީމަ: ގާސިމް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރެއްވި ޓްވީޓް، ރީޓްވީޓް ކުރެއްވީ އޭނާ އެ ޓްވީޓްގައި ދައްކާފައިވާ ވާހަކަތައް ރަނގަޅު ވީމަ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަލްހާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ގާނޫނާ ހިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން ވިދާޅުވެފައިވެ އެވެ.

އަލްހާން އެހެން ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގަ ކަމަށާއި އެމަނިކުފާނު ހައްޔަރެއް ނުކުރެވޭނެ ކަމަށް އެމްޑީޕީއިން ބުނެފައިވަނިކޮށެވެ. އެމްޑީޕީއިން ވަނީ އެ ދުވަހު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް މާލެއަށް މީހުން އެއްވުމަށް ގޮވާލާފަ އެވެ. އަދި ކުލަގަދަ ހަރަކާތްތަކެއް ވެސް އަންނަނީ ރާވަމުން އެވެ.

އަލްހާންގެ ޓްވީޓް ގާސިމް މިއަދު ރީޓްވީޓް ކުރައްފައިވާތީ އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައިވަނިކޮށް ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަލްހާންގެ ޓްވީޓް، ރީޓްވީޓް ކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަތަކެއް ކަމަށްވާތީ ކަމަށެވެ.

"ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ ބަސް ބުނި މީހާޔަށް ނުބަލާށޭ، ބުނި ބަހަށް ބަލާށޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިހެން ވިދާޅުވި ނަމަވެސް މީހުން ފާޑުކިޔަމުން ދަނީ އަލްހާންގެ ޓްވީޓެއް ރީޓްވީޓް ކުރެއްވުމަކުން ނޫނެވެ. މީހުންގެ ފާޑުކިޔުން އަމާޒުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާ ދެކޮޅަށް އަލްހާން އެ ޓްވީޓް ކުރައްވާފައިވާތީ އެވެ. އަދި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމްޑީޕީއިން ހިންގާ ހަރަކާތްތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ސިފަވާ ޓްވީޓެއް ގާސިމް ރީޓްވީޓް ކުރައްވާފައިވާތީ އެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު ކަމަށާއި އިންތިހާބަށްފަހު ގާސިމަށް ވެސް މިނިވަންކަމާއެކު ރާއްޖެ ވަޑައިގެންނެވިފައިވާއިރު ރައީސް ނަޝީދާ ދެކޮޅު ޓްވީޓެއް ރީޓްވީޓް ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު ބުނި ގޮތުގައި އެހެން ހުރިހާ އިދިކޮޅު ލީޑަރުން މިނިވަންވެ، ސިޔާސީ މަސައްކަތް ފައްޓަވާފައިވާއިރު ވެސް އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދު މިނިވަންކުރުމަށް ކުރާ ކަމެއް ނެތް ކަމަށެވެ. އެކަމަށް ގޮވާލައި، އަދި ރައީސް ނަޝީދަށް ޝުކުރު އަދާކުރާ މީހަކު ވެސް އެމްޑީޕީގައި ނޫނީ ނެތް ކަމަށް އޭނާ ބުންޏެވެ.

ރިޔާސީ އިންތިހާބަށްފަހު ގާސިމް ކަފާލާތުގެ ދަށުން މިނިވަންކުރުމުން ރާއްޖެ ވަޑައިގެންފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ މިނިވަންކޮށްފަ އެވެ. އޭގެއިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ވަނީ މިނިވަންކަމާއެކު ރާއްޖެ ވަޑައިގެންފަ އެވެ.