މިއުޒިކް

ކުޅަދާނަ ދެ މޮޑެލްއާއެކު އަނެއްކާވެސް "ހީލީމާ"

މަރިޔަމް އައްޒަ އާއި އިސްމާއިލް ޖުމައިހު 2016 ވަނަ އަހަރު ފެނިގެންދިޔަ ހިތްގައިމު ލަވަ "ހީލީމާ"ގެ ސީކުއެލް ލަވައެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ލަވައިގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް މައުލޫމާތު ދިން ގޮތުގައި މިފަހަރު ލަވައިން ފެނިގެންދާނީ މި އަހަރު ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް ފެޝަން މުބާރާތް "ޓޮޕް މޮޑެލް މޯލްޑިވްސް" ކާމިޔާބުކުރި ޖަމްޝީދާ ޖަމްޝީދު އާއި ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާން އެވެ.

"މިއީ ކުރީގެ ލަވައިގެ ރިކްރިއޭޝަން ލަވައެއް، މުޅިން އާ މިއުޒިކާއި ވީޑިއޯއެއް ފެނިގެންދާނީ، ނަމަވެސް ކުރީގެ ލަވައިން ގެނެސްދިން ކަހަލަ ފީލްއެއް މި ލަވައިންވެސް ގެނެސްދޭނަން،" އަޒްހާން ބުންޏެވެ.

މި ލަވައިގެ ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ އިމޭޖިނޭޝަން ރިއަލިޓީއިންނެވެ. އާ ލަވަ ކިޔާފައިވާ ފަރާތްތަކާއި ލަވަ ރިލީޒްކުރާ ތާރިހު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އަޒްހާން ބުންޏެވެ. ކުރީގެ ލަވަ ކިޔާފައި ވަނީ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އެވެ.

ތިން ލައްކަ ރުފިޔާ ހަރަދުކޮށްގެން ތައްޔާރުކުރި "ހީލީމާ" އަކީ މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ދިވެހި ވީޑިއޯ ލަވަ އެވެ. ރަޝިއާގެ ޓީވީ ޗެނަލެއް ކަމުގައިވާ އެޑެއިގޯ ޓީވީން ވަނީ އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި މި ލަވަ ޓުވީޓުކޮށްފަ އެވެ. އަދި ލަވައިގެ މޭކިންވެސް އެމީހުންގެ ޓްވީޓާގައި އާންމުކޮށްފައިވެ އެވެ.

އެ ލަވަ ޝޫޓުކޮށްފައި ވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގައި އެވެ. އާ ލަވަ ޝޫޓުކުރާ ތަންތަނާއި ލަވައެއް ދާނެ ހަރަދު އަދި ހާމަކޮށްފައެއް ނުވެ އެވެ.