ބޮލީވުޑް

އަބީޖީތު އާއި އަލޯކް ނާތުގެ މައްޗަށްވެސް ތުހުމަތުތައް

ލަވަކިޔުންތެރިޔާ އަބީޖީތު ބައްޓަޗަރްޔާ އާއި "މިސާލީ ބައްޕަ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެކްޓަރު އަލޯކް ނާތުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފި އެވެ. މި ތުހުމަތުތައް މި އައީ ބޮލީވުޑްގެ ބައެއް ފަންނާނުންގެ ފަރާތުން ޖިންސީ ފުރައްސާރައާއި ކުރިމަތިވި ކަމަށް ބުނާ ގިނަ ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

ޝާހުރުކް ޚާންއަށް ގިނަ ލަވަތަކެއް ކިޔައިދީފައިވާ އަބީޖީތުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ކެމިބް ކުރޫ އެކެވެ. ބޮދިސްސަތުވާ ކިޔާ އެ އަންހެން މީހާ ބުނި ގޮތުގައި އެކަމަށް ހިނގާފައި ވަނީ 1998 ވަނަ އަހަރު އެވެ. އޭނާ ކުރި ފޭސްބުކް ޕޯސްޓުގައި ވަނީ ހުރިހާ ވާހަކަތަކެއް ހިއްސާކޮށްފައި އެވެ.

ނަަމަވެސް އަބީޖީތު ވަނީ މި ތުހުމަތުތައް އިންކާރުކޮށްފައި އެވެ. އެފަދަ ކަމެއް ހިނގަފާއި ނުވާ ކަމަށް ބުނަމުން އަބީޖީތު ވަނީ މިހާރު ފެންމަތިވެގެން އުޅޭ ގިނަ ފުރައްސާރައިގެ ތުހުމަތުތަކުގައި އެ ތުހުމަތުކުރާ އަންހެނުންނަކީ "ހަޑި އަދި ފަލަ" މީހުންކަމަށް ބުނެފައި އެވެ. މިފަދަ ބަސްތަކެއް ބޭނުންކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ރުޅިގަދަވެފައި އެވެ.

އަލޯކްގެ މައްޗަށް ތިން މީހަކު ތުހުމަތުކޮށްފައިވޭ

ބޮލީވުޑް ފިލްމުތަކާއި ހިންދީ ޑްރާމާތަކުގައި ބައްޕަގެ ރޯލު ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު އަލޯކް ނާތުގެ މައްޗަށް އެންމެ ފުރަތަމަ ތުހުމަތުކުރީ ޑައިރެކްޓަރު ވިނީތާ ނަންދާ އެވެ. ވިނީތީއަކީ 90ގެ އަހަރުތަކުގައި ގެނެސްދިން ޑްރާމާ ސިލްސިލާ "ތާރާ"ގެ ޑައިރެކްޓަރު އެވެ. އެ ޑްރާމާގައި ލީޑުން ފެނިގެންދިޔައީ އަލްކޯއާއެކު ނަވްނީތު ނިޝާން އެވެ. ވިނީތީ ބުނީ އަލޯކް އޭނާއަށް ފުރައްސާރަކޮށް ރޭޕްކުރީ އެ ޑްރާމާ ގެނެސްދިން ދުވަސްވަރުގައި ކަމަށެވެ. އެކްޓްރެސް ނަވްނީތުވެސް ވަނީ އަލޯކްގެ ފަރާތުން ތަފާތު ފުރައްސާރަތައް އެ ދުވަސްވަރު ކުރިމަތިވި ކަމަށް ބުނެފައި އެވެ.

ސަންދުޔާ މިރީދުލް ނެރުނު ބަޔާން.

އަލޯކްގެ މައްޗަށް ދެން އެ ތުހުމަތުކުރީ ޓީވީ އެކްޓްރެސް ސަންދުޔާ މިރީދުލް އެވެ. ޑްރާމާއެއްގެ ޝޫޓިންއެއްގެ ތެރޭގައި ރާބޮއިގެން މަސްތުގެ ހާލަތުގައި ހުރެ އަލޯކް އޭނާއާ ބެހެން އުޅުނުކަމަށް ސަންދުޔާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ސަންދުޔާ ލީޑު ކުޅުނު އެ ޑްރާމާގައި އަލޯކް ކުޅުނީ އޭނާގެ ބައްޕަގެ ރޯލެވެ.