ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއަށް ގިނަ ދުވަހު ހިދުމަތް ކުރި 37 މުވައްޒަފަކަށް އެވޯޑް ދީފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް އެ ބޭންކުން ރޭ އެވޯޑް ދީފި އެވެ.

ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ބީއެމްއެލްއަށް ދިގު މުއްދަތުގައި ހިދުމަތް ކުރުމުގެ އެވޯޑް މިއަހަރު 37 މުވައްޒަފަކަށް ވަނީ ދީފަ އެވެ. އެގޮތުން، 35 އަހަރު ބޭންކަށް ހިދުމަތްކޮށްދިން ފާތިމަތު ރަޝީދާ އަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ. އޭނާ އަކީ ބީއެމްއެލްގެ ހެޑް އޮފް އިންޓާނަލް އޮޑިޓް އެވެ.

މީގެ އިތުރުން ބޭންކުގެ ހިދުމަތުގައި 30 އަހަރު ދެމިތިބި، އާމިނަތު ނަސީރު، ޑެޕިއުޓީ ސީނިއަރ އޮފިސަރ، އާމިނަތު ހަސަން، އިންޓާނަލް އޮޑިޓް މެނޭޖަރު އަދި ހުސައިން ރަޝީދު، ކްލަސްޓާ ބްރާންޗް މެނޭޖަރަށް ވަނީ އެވޯޑް ދީފަ އެވެ.

އެވޯޑް ލިބުނު މުވައްޒަފުންނާ މުހާތަބުކުރައްވަމުން، އެންޑްރޫ ވިދާޅުވީ، އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ ބޭންކްގެ އެހެން މުވައްޒަފުންނަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ. އަދި ބޭންކްގެ ކުރިމަގު އުޖާލާ ކުރުމުގައި އެ މުވައްޒަފުންގެ ދައުރު ވަރަށް ވެސް މުހިންމު ކަމަށާއި ބޭންކްގެ މުވައްޒަފުންނަކީ އެ ބޭންކްގެ އެންމެ ބޮޑު ރައުސްމާލު ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ. އަދި ކޮންމެ މުވައްޒަފަކު ވެސް ބަލަންވީ ހީވާގި ކަމާ އެކު ދިގު މުއްދަތެއްގައި ހިދުމަތުގައި ދެމި ތިބުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެންޑްރޫ ވަނީ އެވޯޑް ލިބުނު ފަރާތްތަކުން ބޭންކަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

"އެތައް އަހަރެއްވަންދެން ތި ބޭފުޅުން ދައްކަވާފައިވާ ހީވާގިކަމަށާއި މަސައްކަތްތަށް ބަހައްޓަވާ ފަރުވާތެރިކަމަށްޓަކައި ތިއިން ކޮންމެ ބޭފުޅަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން. މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބަލަނީ ވެސް ހަމަ ތިޔަ ބޭފުޅުން. ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށް ޝުކުރު ދަންނަވަން،" އެންޑްރޫ ވިދާޅުވި އެވެ.

ދިގު މުއްދަތަށް ބޭންކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ 2015 ވަނަ އަހަރުގަ އެވެ. އެހަފްލާގައި ކޮންމެ އަހަރަކު އެއްފަހަރު މިފަދަ ހަފްލާއެއް ބާއްވާ، ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ބޭންކުންވަނީ ނިންމާފަ އެވެ. ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ " އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" މިއަހަރު ކުރީކޮޅު ބީއެމްއެލްއިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފަ އެވެ.