ހުޅުމާލެއިން ދޫކުރާ 400 ގޯތި ދޫކުރަނީ ކަނޑައެޅިގެން ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށްކަން ޔަގީންކުރެވިފައިވާ ކަމަށާއި އެއީ އެ ގޯތިތަކަށް ބޭނުންވެފައިވާ އެތައް ސަތޭކަ ބައެއްގެ ހައްގު ގެއްލޭ ކަމަކަށް ވާތީ އެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓުވައިދިނުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭސީސީގައި އެދިއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ފަރާތުން މިއަދު އޭސީސީއަށް ފޮނުވާފައިވާ އާދޭހުގެ ސިޓީއެއްގައި ބުނެފައިވަނީ، 400 ގޯތި ދޫކުރުމުގެ މަޝްރޫއަކީ މާލޭގައި އެތަކެއް އަހަރު ވަންދެން އުޅޭނެ ގޮތް ނެތިފައި ތިބި މީހުންނަށް ދިރިއުޅެވޭނެ އަމިއްލަ ތަނެއް ކަށަވަރުކޮށްދޭން ފެށި މަޝްރޫއަކަށް ވާއިރު، ގޯތި ދޫކުރުމުގައި މިނިސްޓްރީން އަމަލު ކުރާ ގޮތުން އެ މަގްސަދު ގެއްލޭ ކަމަށެވެ. އެގޮތުން، އިހަކަށް ދުވަހު ދަފްތަރުގައި ޖެހެން ސަރުކާރުން ހުޅުވާލައި، އަލަށް ދަފްތަރުގައި ޖެހުނު މީހުންނަށް، އެތަކެއް ޒަމާނެއް ވަންދެން ދަފްތަރުގައި ތިބި މީހުންނާ އެއްވަރަށް މާކްސްދީ، ދރިއުޅުމުގެ ހާލަތަކަށް ބެލުމެއް ނެތި ގޯތި ދޫކުރެވެން އޮތުމުން އެއީ އިންސާފެއް ނޫންކަމަށް ވެސް މުވައްޒަފުން ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީގެ ނަޒާހަތްތެރިކަމާމެދު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ސިޓީގައި ބުނެފައިވަނީ، 400 ގޯތީގެ ތެރެއިން ބައެއް ގޯތި ދޭން މިނިސްޓްރީން މިހާރުވެސް ލިސްޓެއް އެކުލަވާލާފައިވާކަމަށެވެ. އެ ލިސްޓުގައި ހިމެނެނީ ޕީޕީއެމްގެ އެކްޓިވިސްޓުންނާއި ސަރުކާރު ކުންފުނި ، މިނިސްޓްރީތަކުގެ މީހުން ކަމަށާއި ގޯތި ދޫކުރަން ގުރު ނަގާއިރު އެމީހުން ހޮވޭ ގޮތަށް ކަންތައް އިންތިޒާމްކުރަން މިނިސްޓޤރީން ނިންމާފައިވާކަން ޔަގީންވެފައިވާ ކަމަށް ވެސް މުވައްޒަފުންގެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
އެހެންކަމުން އޭސީސީން މި ކަންކަން ބަލައިދިނުމަށް ސިޓީގައި ވަނީ ގޮވާލާފަ އެވެ.
"އެތަކެއް ރައްޔިތުންގެ ހައްގުތަކެއް ސިޔާސީ ވަކި ބަޔަކު އަމިއްލަ ފައިދާއަށްޓަކައި ނަގަމުންދާއިރު އެކަމާ ފިޔަވަޅު ނާޅައި ތިބޭފުޅުން [އޭސީސީގެ ބޭފުޅުން] ތިބުމަކީ ގާނޫނީގޮތުން ކުރައްވާ ކުށެކެވެ،" މުވައްޒަފުންގެ ސިޓީގައި ބުންޏެވެ.
އެހެންކަމުން މި ހުރިހާ ކަމެއް އޭސީސީގެ ސަމާލުކަމަށް ގެންނައިރު، ހިމޭނުން އެއްވެސް ކަމެއް ނުކޮށް އޭސީސީ އޮންނަ ނަމަ، މި މަޝްރޫއާ ގުޅިގެން ގެއްލޭ އެތައް ނިކަމެތި ރައްޔިތުންނެއްގެ ހައްގުގެ ޒިންމާ އޭސީސީން ނަގަންޖެހޭނެ ކަމަށް ވެސް މުވައްޒަފުންގެ ސިޓީގައި ވަނީ ބުނެފަ އެވެ.
ހުޅުމާލެއިން ގޯތިވިއްކާކަން ހައުސިން މިނިސްޓްރީއިން އިއުލާންކުރުމުން އެކަމުގައި ނާޖާއިޒް ފައިދާއަށް މަގުފަހިވާ ކަންކަން ހުރުމުން މިދިޔަ އާދީއްތަ ދުވަހު އޭސީސީއިން ވަނީ އެކަން ހުއްޓަން އަންގާފަ އެވެ.