ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމާ ގުޅޭ ގޮތުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އެންގި އެންގުމާ ހިލާފަށް ގޯތި ވިއްކާނަމަ ކޯޓު މެދުވެރިކޮށްގެން ވިޔަސް އެކަން ހުއްޓުވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިސްޓްރީއަށް އިންޒާރު ދީފި އެވެ.
ހައުސިން މިނިސްޓްރީ އިން މިދިޔަ އާދީއްތަ ދުވަހު ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ބިމަށް އެދި ހުށަހަޅާ އެންމެންގެ ތެރެއިން ގުރުއަތު ނެގުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ގޯތި ދޫކޮށް ނިންމާށެވެ. ނަމަވެސް އެކަމުގައި ކޮރޮޕްޝަނަށް މަގުފަހިވާ އެތަށް ކަމެއް ހުރުމާ ގުޅިގެން އޭސީސީއިން ވަނީ އެކަން މަޑުޖައްސާލާ އެ މައްސަލަ ތަހުގީގުކޮށްފަ އެވެ.
އެއަށް ފަހު އޭސީސީ އިން ހައުސިން މިނިސްޓްރީއަށް އަންގާފައި ވަނީ އެ މަޝްރޫއު އަލުން ކުރިޔަށް ގެންދެވޭނީ ގޯތި ދޫކުރުން އަލުން ކުރިޔަށް ގެންދެވޭނީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވައިލައި، އެ އުސޫލު އާއްމުކޮށް ޝާއިއުކުރުމަށް ފަހު އެކަށީގެންވާ މުއްދަތެއް ދީ ފޯމްތައް އިވެލުއޭޓުކޮށްގެން ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީ އިން ވަނީ އެންގުމާ ހިލާފަށް ކުރިން ވެސް ނިންމާފައި އޮތް ގޮތަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަަމާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ގޯތި ދޫކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި އިސްލާހު ކުރަން އެންގި ކަންކަން އަދިވެސް ރަނގަޅުކޮށްފައި ނުވާ ކަމުގެ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބެމުންދާތީ އެކަން ބަލާ ދިރާސާކޮށްފައިވާ ކަމަށާއި އެގޮތުން އަދިވެސް އެ އުސޫލު ބަދަލުކޮށްފައި ނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން ރަނގަޅު ކުރަން އެނގުމަށް ފަހު ރަނގަޅު ނުކޮށްފި ނަމަ ކޯޓު މެދުވެރިކޮށް ވެސް ގޯތި ކުރުން ހުއްޓުވާނެ ކަމަށް ބުނެ ހައުސިން އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ އިން ކުރިން ނިންމާފައި ވަނީ ގޯއްޗަށް އެދި ހުށަހަޅާ ފޯމްތައް މިއަދުގެ ނިޔަލަށް ބަލައިގަތުމަށެވެ. އެކަމާ ހެދި ރޭއްސުރެއް އެތަށް ބަޔަކު ވަނީ ހައުސިން މިނިސްޓްރީ ކައިރީ ގޮނޑި ޖަހާ ކިއޫ ހަދާލައިފަ އެވެ. އެކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.