ހަބަރު

ގޯތި ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް

ހުޅުމާލެ ފޭސް ދޭކުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން މިހާރު ކުރިއަށްގެންދާ މަސައްކަތްތައް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

އަމިއްލަ ގޮތުން ހުށަހަޅާފައިވާ މި މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހަޅާފައިވަނީ ކުރިން އެޓާނީ ޖެނަރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ވަކީލް މަރިޔަމް ޝުނާނާއެވެ.

ގޯތި މަޝްރޫއު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ޝުނާނާ މިއަދު ހުށަހެޅި މައްސަލާގެ ދައުވާގެ ޚުލާސާގައި ވަނީ، ހައުސިން މިނިސްޓްރީއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުލުމާލެއިން ގޯއްޗަށް އެދުމަށް ފޯމް ބަލައިގަންނަން ނިންމާފައިވާ އުސޫލަކީ ގާނޫނުއަސާސީއާއި އުސޫލުތަކާ ހިލާފަށް ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް ބައެއް ހައްގުން މަހުރޫމްވާ ގޮތަށް ކަނޑައަޅާފައިވާ އުސޫލެއް ކަމަށް ބުނެފަ އެވެ. އަދި އެއީ އެތައް ބައެއްގެ މަުބޫރީ ހާލަތުގެ ނާޖާއިޒު މަންފާ ނަގައި، އެކަށީގެންވާ ވަރަށް ވުރެ ބޮޑު ތަކުލީފެއް މީހުން އުފުލަންޖެހޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކެއް ކަމަށް ވާތީ، ގޯއްޗަށް އެދުމަށް ޝަރުތު ހަމަވާ ހުރިހާ އެންމެނަށް އެ ފުރުސަތު ހަމަހަމަކަމާއެކު ލިބޭނެ ގޮތަށް އެކަށީގެންވާ މުއްދަތަކަށް ފޯމް ބަލައިގަތުމުގެ އިންިޒާމް ހަމަޖައްސައިދިނުމަށް ވަނީ އެދިފަ އެވެ.

ހަމަ އެއާއެކު ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ފޯމްތައް އިވެލުއޭޓްކޮށް، ގުރުއަތުލުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށްވެސް އެ ދައުވާގައި އެދިފައިވެ އެވެ.

ގޯތި މައްސަލަ ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަކީލް ޝުނާނާ ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އޭސީސީން ވެސް ވަނީ އެ ކޮމިޝަންގެ ކުރީގެ އެންގުމާއެއްގޮތަށް ގޯތު ދޫކުރުން ހުއްޓައި ނުލައިފިނަމަ ކޯޓު މެދުވެރިކޮށްގެން ވިޔަސް އެކަން ހުއްޓުވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިސްޓްރީއަށް އިންޒާރު ވެސް ދީފަ އެވެ.