އިސްޓަންބުލް (10 އޮކްޓޯބަރު) - ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ކަޝޯގީ އާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅީ، ސައުދީ ރަސްގެފާނު ސަލްމާނުގެ ދަރިކަލުން އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ ސީދާ އެންގެވުމަށް ކަމަށް، ވޮޝިންގްޓަން ޕޯސްޓް ނޫހުގައި ބުނެފި އެވެ.
މުހައްމަދު ބިން ސަލްމާނަށް ސީދާ ފާޑުވިދާޅުވާ ޖަމާލް އެންމެ ފަހުން ފެނިފައިވަނީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ވަންނަނިކޮށެވެ.
އޭނާ ގެއްލިގެން ތުރުކީ ސަރުކާރުން ތަހުގީގު ފަށާފައިވާއިރު، އޭނާ ސައުދީ އެމްބަސީ ތެރޭގައި މަރާލި ކަމަށް ބެލެވޭ ކަމަށް ތުރުކީގެ އޮފިޝަލުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެމެރިކާގެ އިންޓެލިޖަންސް ރިޕޯޓަކާއި ހަވާލާދީ ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި، އެމެރިކާގައި ދިރިއުޅޭ ޖަމާލަށް ސަރުކާރުގެ އިސް މަގާމެއް ދޭނެކަމަށް ބުނެ އޭނާ ސައުދީއަށް ގެންގޮސް ހައްޔަރުކުރުމަށް ސައުދީ އިސް އޮފިޝަލުންތަކެއް ވަލީއަހުދުގެ ސީދާ އެންގެވުމަށް ރޭވި ކަމަށެވެ.
ނަމަވެސް، ޖަމާލު މަރާލާ ނުވަތަ އޭނާއަށް އެއްވެސް ގެއްލުމެއް ދޭން ރޭވިކަމަކަށް އިންޓެލިޖަންސް ރިޕޯޓުގައި ބަޔާންކޮށްފައިނުވާކަމަށް ވޮޝިންގްޓަން ޕޯސްޓުން އިތުރަށް ބުނެފައިވެ އެވެ.
ސައުދީ ސަރުކާރާށް ވާގިދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ނޫސްވެރިޔާއަށް ވީގޮތެއް ހެއްކާއެކު ހާމަކުރުމަށްވެސް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ.
ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ސަރުކާރުގެ ޓީމެއް ސައުދީ އެމްބަސީއަށް ވަދެ ޖަމާލަށް ވީގޮތެއް ބެލުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް، އެކަން ކުރުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ތުރުކީ މީޑިއާތަކުން ވަނީ ޖަމާލު ގެއްލުވައިލުމަށް ސައުދީ ސަރުކާރުން ފޮނުވި މީހުންކަމަށް ބެލެވޭ ބައެއްގެ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމުކޮށްފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަންކަމަށްވެ އެވެ. އޭނާ ކައިވެނި ކުރަން އުޅޭ އަންހެން މީހާއާއެކު އެމްބަސީއަށް ދިޔަ ނަމަވެސް، އަންހެން މީހާ މަޑުކުރީ އިމާރާތުގެ ބޭރުގައިކަމަށް ވެސް ވެ އެވެ. ޖަމާލް އިމާރާތުން ނުކުމެފައިނުވާ ކަމަށް އެ އަންހެން މިހާ މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.
ނަމަވެސް، ސައުދީ ސަރުކާރުން ބުނީ، ލިޔެކިޔުންތައް ފުރިހަމަކޮށްގެން ހަމަ އެ ދުވަހު ޖަމާލް އެމްބަސީ އިން ނުކުމެފައިވާ ކަމަށެވެ.