ހަބަރު

އާ ހިދުމަތްތަކެއް އިތުރުކޮށް، ޓްރީޓޮޕް އަގުހެޔޮ ކޮށްފި

އާ ހިދުމަތްތަކެއް ތައާރަފްކޮށް، ޓްރީޓޮޕުން ދޭ ހިދުމަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖޭގައި ދިނުމަށް ހުޅުމާލޭގައި ގާއިމްކުރި ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެހެން ހޮސްޕިޓަލް ކްލިނިކް ތަކާއި އަޅާ ބަލާއިރު ހިދުމަތްތައް އަގު ބޮޑު ހޮސްޕިޓަލެކެވެ. އާދައިގެ އާމްދަނީއެއް ލިބޭ މީހަކަށް އެ ހޮސްޕިޓަލްގެ ބިލްތައް ބޮޑު ބުރަ އަކަށް ވާކަމުގެ ޝަކުވާ އަކީ ހޮސްޕިޓަލް ހުޅުވުމަށްފަހު އާންމު ޝަކުވާތަކެކެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް އެކްސްޓާނަލް ރިލޭޝަންސް، އަބްދުލް ޣަފޫރު ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތުގެ އަގުތަށް ރާއްޖޭގެ އެހެން އަމިއްލަ ހޮސްޕިޓަލް، ކްލިނިކްތަކުގެ އަގުތަކާ އަޅާ ކިޔޭ ވަރުގެ އަގުތަކަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ ހޮސްޕިޓަލްގެ އާ ސީއީއޯ، ޖޭމްސް ބާގެ ވިސްނުމާ އެއްގޮތަށް ހުރިހާ ފަންތިއެއްގެ މީހުންނަށް އެންމެ މަތީ ފެންވަރުގެ ފަރުވާއަށް އެކްސެސް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަގުތައް ހެޔޮ ކުރިނަމަވެސް ހޮސްޕިޓަލްގެ ހިދުމަތުގެ ސްޓެންޑަޑާއި މެހްމާންދާރީގެ އުސޫލްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓްރީޓޮޕް އިން އަބަދުވެސް ދެމުންގެންދާނީ އެންމެ މަތީ ފެންވަރުގެ ހިދުމަތް. އެއަށް ބަދަލެއް ނާންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ހިދުމަތުން މީހުންނަށް ފާހަގަކޮށްލެވޭ ވަރުގެ ހެޔޮ ބަދަލެއް ދެން ފާހަގަކުރެވިގެންދާނެ، ހާއްސަކޮށް ހޮސްޕިޓަލުން ހަދާ ސާޖަރީތަކާއި ކުރާ އޮޕަރޭޝަންތަކުން މި ބަދަލު ބޮޑުތަކުން ފެނިގެންދާނެ،" ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު އާސަންދަ ވެސް ލިބޭއިރު ހިދުމަތްތަކުގެ އަގު ކުޑަކުރުމުން ބިލަށް އަރާ ވަރު މިހާރު ފުދޭ ވަރަކަށް ކުޑަވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިސާލަކަށް ކުރިން ކޮންސަލްޓޭޝަން ފީއަކަށް ނަގަނީ 525ރ. އެކަމަކު މިހާރު ދައްކަންޖެހޭނީ 325ރ. މި ނޫނަސް ޓެސްޓުތަކާއި ސްކޭން، އެކްސްރޭ ފަދަ ހިދުމަތްތަކުންވެސް އަޅުގަނޑުމެން ނަގާ އަގުތައް ރާއްޖޭގެ އެހެން ތަންތަނާ އަޅާކިޔޭވަރު ވާނެ އަލަށް ގެނައި ބަދަލުތަކާ އެކު،" އޭނާ ވިދާޅުވި އެވެ.

ހިދުމަތުގެ އަގުތަކަށް ގެނައި ބަދަލާއެކު އެ ހޮސްޕިޓަލުން ވަނީ އާ ހިދުމަތްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން ދާދިފަހުން ފެށި ހައި-ވޮލިއަމް ހީމޯޑަޔަފިލްޓްރޭޝަން (އެޗްޑީއެފް) ގެ ހިދުމަތާއި، މައިބަދައިގެ ބޮޑެތި އޮޕަރޭޝަންތަކާއި އެޕެންޑިކްސް އަދި ހާނިއާގެ އޮޕަރޭޝަންތައް ވެސް ވަނީ ފަށާފަ އެވެ. އަދި ވިހާ މައިންނަށާއި ތުއްތު ކުދިންނަށް މަތީ ފެންވަރުގެ ފަރުވާއާއި އެކަމަށް ހާއްސަ ޔުނިޓްތަކެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ޓްރީޓޮޕްގެ ހިދުމަތްތައް އަގުހެޔޮކުރަން ނިންމާފައިވާއިރު ދާދިފަހުން އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން ފޮނުވާލައި، ސްޓާފުން މަދުކުރި ކަމަށް ދެކެވުނު ވާހަކަ ތަކާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ، ޑޮކްޓަރުން މަދު ނުކުރާ ކަމަށެވެ. އިތުރު ހިދުމަތްތަކާއެކު ތަޖުރިބާކާރުން މިހާރު ހޮސްޕިޓަލްގައި އިތުރުވާނެ ކަމުގެ ޔަގީންކަން ވެސް އެ ހޮސްޕިޓަލުން ވަނީ ދީފަ އެވެ.

ޔޫރަޕްގެ ތަޖުރިބާކާރު މަލްޓި ސްޕެޝަލިސްޓުން ގިނަ ޓްރީޓޮޕް ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގައި ދުނިޔޭގެ 33 ޤައުމެއްގެ ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.