ހަބަރު

މަޖިލިސް މެންބަރު ކަމުން ޝާހިދު އިސްތިއުފާ ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ. ޝާހިދު އެގޮތަށް ނިންމެވީ ސަރުކާރުގެ މަގާމަކަށް ވަޑައިގަންނަވާށެވެ.

ޝާހިދު މިއަދު ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމުން ކަމަށެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަޑައިގެންނެވީ 1995 ވަނަ އަހަރު އެވެ. މެދުކެނޑުމެއްނެތި މަޖިލީހުގައި ޝާހިދު މިއަދާ ހަމައަށް މަސައްކަތް ކުރައްވާފައިވާއިރު އިބޫ ވެސް މަޖިލިސް މެންބަރަކަށް އެންމެ ފުރަތަމަ ވެވަޑައިގެންނެވީ 1995 ވަނަ އަހަރު އެވެ.

ޝާހިދު ވިދާޅުވީ އިބޫއާއެކު މަޖިލީހުގައި އެތައް މަސައްކަތެއް ކުރެއްވުމަށްފަހު އިބޫގެ ސަރުކާރުގެ މަގާމެއްގައި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންވާ ކަމަށެވެ. ނަމަވެސް ޝާހިދު ވަޑައިގަންނަވަނީ އިބޫގެ ސަރުކާރުގެ ކޮންމެ މަގާމަކަށް ކަމެއް ވިދާޅުވެ ނުވެ އެވެ.

"އަޅުގަނޑު މަޖިލީހުގައި މި ހޭދަ ކުރި ދުވަސްތަކުގައި އެކި ކަހަލަ މަރުހަލާތައް އެކި ކަހަލަ ދުވަސްތައް ފެނިގެން ގޮސްފި، އެހެން ނަމަވެސް ރައްޔިތުންގެ މަޖިލިސް މިހާރު މި ދެކެމުންދާ ހިތްދަތި ކަޅު ދުވަސްތަކެއް ދުވަހަކު ވެސް ދެކިފައެއް ނުވޭ،" ޝާހިދު ވިދާޅުވި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި ޝާހިދު ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހަކީ އާރާއި ބާރާއެކު ރައްޔިތުންގެ އަޑު އުފުލައި ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ތަނަކަށްވުން ކަމަށެވެ.

ޓްރާންސިޝަން ނުވަތަ ވެރިކަން ބަދަަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ސިޔާސީ ގޮތުން އެންމެ އިސްބޭފުޅަކަށް ހުންނަވައިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް ޝާހިދެވެ. އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންގެ ގޮތުގައި މިހާރު މާލޭގައި ހަރަކާތްތެރިވާ އެ ދެ ބޭފުޅުންގެ ގާތް ގުޅުމެއް އޮވެ އެވެ.