ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ހޯދުމަށް އެތަށް ބަޔަކު މަގުމަތީ ކިއޫގައި ތިބެން ޖެހޭތީ އެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާފަށް އެދިވަޑައިގެންފި އެވެ.
ހައުސިން މިނިސްޓްރީ އިން މިދިޔަ އާދީއްތަ ދުވަހު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000، އަކަފޫޓުގެ 400 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފަ އެވެ. އެއާއެކު އެ ދުވަހުން ފެށިގެން ހައުސިން މިނިސްޓްރީގައި ދިގު ކިއޫތައް ހަދައިގެން އެތަށް ގަޑިއިރަކު މީހުން ތިބެ އެވެ. އެގޮތުން ގޯތި ދޫކުރުމުގެ ފަހު ދުވަހަކީ މިއަދު ކަމަށް ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައިވާތީ ރޭ ހޭލާ ތިބެގެން ވެސް މިނިސްޓްރީ ކައިރީ ގޮނޑި ޖަހައިގެން އެތަށް ބަޔަކު ކިއޫ ހަދާފައި އޮތެވެ. އަދި މިއަދު މެންދުރުގެ ހޫނުގައި ވެސް ކުޑަ ނަގައިގެން އެތަށް ބަޔަކު ހައުސިން މިނިސްޓްރީ ހިމެނޭ ބްލޮކު ވަަށާ ކިއޫ ހަދައިގެން ގޯތި ލިބޭތޯ ތިއްބެވެ.
އެކަމަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު މިއަދު ވިދާޅުވީ ކިއޫތަކުގައި ބައެއް ފަރާތްތަކުން އެތަށް ވަގުތެއް ހޭދަކުރަމުންދާ ކަން އެނގޭ ކަމަށާއި އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވަނީ ހައުސިން މިނިސްޓްރީ ތެރޭ ޖާގައިގެ ދަތިކަން ހުރުމުން ކަމަށާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެ މަސައްކަތް ހަވާލު ކުރީ ވެސް ކަން ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގަދަ އަވީގާ ރައްޔިތުން ކިއޫގައި ބައިތިއްބަން ޖެހޭތީ މާފަށް އެދޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މާފަށް އެދެން، މިގޮތަށް ގިނަ ވަގުތުތަކެއް އަވީގަ އާއި ރޭގަނޑު ތިބެން ޖެހުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން، އަޅުގަނޑު ބޭނުންވަނީ ވީހާ ވެސް ގިނަ ރައްޔިތުންނަށް މި ފުރުސަތު ލިބިގެންދާން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލު ކުރުމަށްޓަކައި ކުއްލި ހުއްޓުމަކަށް ގެންނަން ޖެހޭތީ ވެސް މާފަށް އެދޭ ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް ގޯތި ފޯމް ބަލައިގަތުމުގެ މަސައްކަތް ހުއްޓާލުމާއެކު ހައުސިން މިނިސްޓްރީ ކައިރީ ކިއޫ ހަދާފައި ތިބި މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖުކޮށްފަ އެވެ. އެ މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފުލުހުން ފޮނުވައިގެން ވެސް މިނިސްޓްރީ އިން މަސައްކަތް އެބަ ކުރެ އެވެ.