ޑޮކްޓަރުންނާއި ނަރުހުން އަތޮޅުތެރޭގެ ރަށްތަކުގައި މަސައްކަތްކުރަން ބޭނުންނުވާ ކަމަށާއި އެކަން ރަނގަޅުކުރަން ހެލްތު މިނިސްޓްރީއާއި ސަރުކާރުގެ ހޮސްޕިޓަލްތަކުން އެކަށީގެންވާ މަސައްކަތް ވެސް ނުކުރާކަން ސިއްހީ ދާއިރާގެ ޕާފޯމަންސް އޮޑިޓުން ހާމަވެއްޖެ އެވެ.
ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އާދިއްތަ ދުވަހު ނެރުނު ޕާފޯމަންސް އޮޑިޓްގައި ބުނެފައި ވަނީ، ޑޮކްޓަރުންނާއި ނަރުހުން ވަޒީފާއަށް ޝައުގުވެރިކުރުވައި، ވަޒީފާގައި ދެމެހެއްޓުމަށް އައިޖީއެމްއެޗުންނާއި ހެލްތް މިނިސްޓްރީން މަސައްކަތް ނުކުރާކަން އޮޑިޓުން ބެލި ބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބުން އެފަދަ ފަރާތްތައް ވަޒީފާގައި ދެމެހެއްޓުމަށް ކުރަންޖެހޭ ބައެއް ކަންކަން ހުރީ މިހާތަނަށް އައި އިރުވެސް ނުކުރެވިކަމަށް ވެސް ބުނެފައިވެ އެވެ.
މިއީ ރާއްޖެ ފަދަ ގައުމަކަށް އޮތް ކަންބޮޑުވުމެކެވެ. މިކަން ހައްލުކުރަން މިނިސްޓްރީން މަސައްކަތްތަކެއް ނުކުރާނަމަ ރަށްރަށުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނަގޅުކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެކަމަށް ބެލެވެ އެވެ. އެހެންކަމުން ހުރި ދަތިތައް ހައްލުކޮށް ޑޮކްޓަރުންނާއި ނަރުހުން މަސައްކަތަށް ޝައުގުވެރިކުރުމަށް މުހިއްމު ކަންތައްތަކެއް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާ ދީފަ އެވެ. އޭގެ ތެރޭގައި ބިދޭސީންނަށް ދޭ މުސާރައާއި ދިވެހިންނަށް ދޭ މުސާރައިގެ ތަފާތު ނައްތާލުމަށް މަސައްކަތްތަކެއް ކުރުން މުހިއްމު ކަމަށް ވެސް ބުނެފައިވެ އެވެ.
މި ސަރުކާރު އައި ފަހުން ސިއްހީ ދާއިރާއަށް ޑޮކްޓަރުންނާއި ނަރުހުން ބިނާކުރަން މަސައްކަތްތަކެއް ކޮށްފައިވާކަން އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް 2014 އިން 2016 އަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު އިތުރުވެފައި ނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒްތަކާއި ހޮސްޕިޓަލް ތަކުގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭއިރު، ޑޮކްޓަރުންގެ އާބާދީގައި ދިވެހި ޑޮކްޓަރުންގެ ނިސްބަތަކީ 21 ޕަސެންޓެވެ. އަދި ނަރުހުންގެ ތެރޭގައި ދިވެހި ނަރުހުން ހިއްސާކުރަނީ 53 ޕަސެންޓެވެ.
އޮޑިޓް އޮފީހުން ބުނީ 2014 ވަނަ އަހަރު ރާއްޖޭގައި 465 ބިދޭސީ ޑޮކްޓަރުން ތިބިއިރު، ދިވެހި ޑޮކްޓަރުންގެ އަދަދަކީ 138 ކަމަށެވެ. އަދި 2015 ވަނަ އަހަރު 537 ބިދޭސީ ޑޮކްޓަރުން ތިބިއިރު އެ އަހަރު ތިބި ދިވެހި ޑޮކްޓަރުންގެ އަދަދަކީ 121 ކަމަށެވެ. މީގެއިތުރުން، 2016 ވަނަ އަހަރު 538 ބިދޭސީ ޑޮކްޓަރުން ރާއްޖޭގައި ތިބިއިރު ދިވެހި ޑޮކްޓަރުންގެ ގޮތުގައި ޚިދުމަތް ދެމުން ދިޔައީ 139 ދިވެހި ޑޮކްޓަރުން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ނަރުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2014 ވަނަ އަހަރު ރާއްޖޭގައި 842 ބިދޭސީ ނަރުހުން ތިބިއިރު، ދިވެހި ނަރުހުންގެ ގޮތުގައި 946 މީހަކު ދިޔައީ ހިދުމަތް ދެމުންނެވެ. އަދި 2015 ވަނަ އަހަރު 967 ބިދޭސީ ނަރުހުން ތިބިއިރު 1031 ދިވެހި ނަރުހުން ތިއްބެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބިދޭސީ 955 ނަރުހުން ތިބިއިރު ދިވެހި ނަރުހުންގެ ގޮތުގައި 1214 މީހަކު ދިޔައީ ހިދުމަތް ދެމުންނެވެ.
ދިވެހި ނަރުހުންނާއި ޑޮކްޓަރުން ދާއިރާގައި މަދިކަން ފާހަގަކޮށްފައިވާއިރު، އެ ދެ ދާއިރާއިން މަތީ ތައުލޫމް ހާސިލްކުރާ މީހުން ކިޔަވައިގެން އައިސް ދާއިރާގައި މަސައްކަތް ނުކުރާ މައްސަލަވެސް އެ ރިޕޯޓުގައި އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެ
އެވެ.