ހަބަރު

މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާ އަށް

ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން އިންޑިއާ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކުރުމަށް ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިންޑިއާއަށް ފުރާ ވަޑައިގަންނަވައިފި އެވެ.

ދުންޔާ އިންޑިއާއަށް ފުރާ ވަޑައިގެންނެވުމަށްފަހު ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައްޕާފުޅުގެ ފަރާތްޕުޅުން ބައެއް ނުރަސްމީ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށް، އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ. ދަތުރުފުޅުގެ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ހާރިޖީ ވަޒީރުކަން ވެސް ކުރެއްވި ދުންޔާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެ ގައުމުގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުގައި ވެސް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެ ނޫހުންވެސް އިތުރު ތަފްސީލެއް ނުގެނެސްދެ އެވެ.

ބައްޕާފުޅުގެ ފަރާތްޕުޅުން ދުންޔާ އިންޑިއާއަށް ވަޑައިގަންނަވާފައިވާއިރު، އެކެއް ފެބްރުއަރީގެ އަމުރާއި، އެއަށްފަހު ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލި ފަހުން ވެސް ދާދި ފަހަކާ ޖެހެންދެން ދުންޔާ ހުންނެވީ ވަކި ކޮޅެއް އިހްތިޔާރުނުކޮށެވެ. އެކަމާ ގުޅިގެން ދުންޔާއަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.