ގައުމީ ފުޓްބޯޅް ޓީމް

ސާފްގެ ރަން ކާމިޔާބީ އެއް ވަނަ ދަރަޖައަކަށް ލައްވައެއް ނުލި!

ސާފް ޗެމްޕިއަންޝިޕްގެ ރަން ވަނަ ހޯދި ޓީމަށް ބޯނަސްގެ ގޮތުގައި ފައިސާ ދޭން ޖެހުމުން، ސަރުކާރުގެ ރާގު ބަދަލު ވެއްޖެ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ބޯނަސް ދިނުމަށް ހަމަޖެހިފައި ވަނީ ދެ ވަނަ ދަރަޖަ ނުވަތަ ރިހި މެޑަލް ހޯދުމުން ދޭ ކެޓަގަރީގަ އެވެ. އޮންލައިން ނޫހަކަށް ޔޫތު މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ދިފައިވާ އިންޓަވިއުގައި ވިދާޅުވެފައި ވަނީ ގައުމީ ޓީމަށް ފައިސާ ދޭނީ ސްޕޯޓްސް ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށެވެ. އޮފިޝަލު ވިދާޅުވީ 35،000 ރުފިޔާ ދޭނެ ކަމަށް މީޑިއާތަކުގައި ލިޔެފައިވީ ނަމަވެސް ދޭނީ 25،000 ރުފިޔާ ކަމަށެވެ.

އެހެންނަމަވެސް 2015 ވަނަ އަހަރު އޯގަސްޓް މަހު، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައި ވަނީ ޓީމު ބައިނަލްއަގުވާމީ ކުޅިވަރު އިވެންޓްތަކުން ރަން މެޑަލް ހޯދާ ޓީމުގެ ކުޅުންތެރިންނަށް ދޭނީ 35،000 ރުފިޔާ ކަމަށެވެ. ސަރުކާރުން އެ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި އެތުލީޓުންނަށް ބޯނަސް ފައިސާ ދިީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ މި އުސޫލުގެ ދަށުންނެވެ.

ސްޕޯޓްސް ކައުންސިލުން ފާސް ކޮށްގެން، ކުޅުންތެރިންނަށް ދޭން ނިންމާ 25،000 ރުފިޔާގެ އައަދަކީ، 2015 ވަނަ އަހަރު ކަނޑައެޅި އުސޫލުގައިވާ ގޮތުގެ މަތިން ރިހި މެޑަލް ހޯދާ ޓީމުތަކަށް ދޭން ޖެހޭ އަދަދެވެ.

އޯގަސްޓް 2015 ގައި ސަރުކާރުން ކަނޑައެޅި އުސޫލުގެ ދަށުން ފައިސާ ދޭނެ ގޮތް:

ޓީމު އިވެންޓްތަކަށް ފައިސާ ދޭނެ ގޮތް

  • ރަން މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 35،000 ރުފިޔާ
  • ރިހި މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 25،000 ރުފިޔާ
  • ލޯ މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 15،000

އިންޑަވިޖުއަލް އިވެންޓްތަކުން ފައިސާ ދޭނެ ގޮތް

  • ރަން މެޑަލް ހޯދާ ކުޅުންތެރިންނަށް 250،000 ރުފިޔާ
  • ރިހި މެޑަލް ހޯދާ ކުޅުންތެރިންނަށް 100،000 ރުފިޔާ
  • ލޯ މެޑަލް ހޯދި ކުޅުންތެރިންނަށް 20،000 ރުފިޔާ

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރުގެ ދައުރުގައި، މެޑަލް ގެންނަ ޓީމުތަކަށާއި ވަކި އިވެންޓްތަކުގެ އެތުލީޓުންނަށް ފައިސާގެ އިނާމު ދީފައި ވަނީ މި އުސޫލުގެ ދަށުންނެވެ.

ކުޅުންތެރިންނަށް ލިބެން ޖެހޭ ބޯނަސް ނުލިބުމުގެ އިތުރަށް ކުޅުންތެރިންނަށް މިދިޔަ ތިން މަހު ލިބެން ޖެހޭ މުސާރަ ލިބުން ލަސްވާ މައްސަލަވެސް ވަނީ ފެންމަތި ވެފަ އެވެ.

ޔޫތު މިނިސްޓްރީން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭނީ، އެފްއޭއެމުން ލިސްޓު ފޮނުވުމުންނެވެ. ޔޫތު މިނިސްޓްރީން ބުނެފައި ވަނީ ކުޅުންތެރިންނަށް މުސާރަ ނުދިނުން ލަސްވީ އެފްއޭއެމުން އެ ލިސްޓް ފޮނުވުން ލަސް ވުމުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ ލިސްޓް ފޮނުވީ އެއް ހަފުތާ ކުރިން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިތާ މިހާރު އެއް މަސް ވަނީ އެވެ. ޓީމަށް ލިބެން ޖެހޭ ބޯނަހެއް އަދި މިދިޔަ ތިން މަހުގެ މުސާރަވެސް ނުލިބެ އެވެ. ބައެއް ކުލަބުތަކުން ލިބެން ޖެހޭ މުސާރަ ނުލިބުމުގެ އިތުރަށް ގައުމީ ޓީމުން ލިބެން ޖެހޭ މުސާރަވެސް ނުލިބުމުން ކުޅުންތެރިންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ގޮސްފަ އެވެ.

ގައުމީ ޓީމު މާލެ ގެނައީވެސް ތަށި ކާމިޔާބު ކުރިތާ ތިން ދުވަސް ފަހުންނެވެ. އޭ380 ގެ ބޮޑު މަތިންދާ ބޯޓްގައި ގައުމީ ޓީމު މާލެ ގެނައި ނަމަވެސް އެ ޓީމަށް އެކަށީގެންވާ ރިސެޕްޝަނެއް ދީފައެއް ނުވެ އެވެ.