ބޮލީވުޑް

މައްސަލަ ބޮޑުވެ، އަކްޝޭ ހައުސްފުލް 4ގެ ޝޫޓިން ހުއްޓާލަނީ

މިހާރު ފެންތަމިވެފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއެކު އެންމެ ބޮޑު އަސަރެއް ކުރީ ކޮމެޑީ ފިލްމު ޕްރެންޗައިޒް "ހައުސްފުލް" ގެ ހަތަރު ވަނަ ފިލްމަށެވެ. މި މައްސަލަ މިހާ ހިސާބަށް އައީ ވެސް އެ ފިލްމުގައި މަސައްކަތްކުރަމުން ދިޔަ އެކްޓަރު ނާނާ ޕަޑްނޭކަރްއާ ހެދި އެވެ. ނާނާގެ ބޮލުގައި ޖިންސީ ފުރައްސާރައިގެ އިލްޒާމު އެޅުވީ ކުރީގެ އެކްޓްރެސް ތަނުޝްރީ ދައްތާ އެވެ.

ތަނުޝްރީގެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުމުން އައިސް، ނާނާ މިހާރު ވަނީ އެ ފިލްމު ދޫކޮށްލަން ނިންމާފައެވެ. ނާނާ ފިލްމު ދޫކޮށްލީ މި ފިލްމުގެ ޑައިރެކްޓަރު ސާޖިދު ޚާން ވެސް ފިލްމު ދޫކޮށްލުމަށް ނިންމުމާ ގުޅިގެންނެވެ. ސާޖިދުގެ މައްޗަށް ވެސް ތިން އަންހެނަކު ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައި އެވެ.

މައްސަލަގަނޑު އިތުރަށް ބޮޑުވެ މި ފިލްމުގައި ލީޑު ރޯލު ކުޅެމުން އަންނަ އެކްޓަރު އަކްޝޭ ކުމާރް މިހާރު ވަނީ ފިލްމުގެ ޝޫޓިންތައް މެދުކަނޑާލުމަށް ޕްރޮޑިއުސަރުންނަށް އަންގާފަ އެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފަހު ނޫނީ ޝޫޓިންތައް އަލުން ނުފެށުމަށް އޭނާ ވަނީ އެދިފަ އެވެ.

"ޖިންސީ ފުރައްސާރަ ކުރާ މީހުންނާއި އެކުގައި އަހަރެން މަސައްކަތެއް ނުކުރާން. އެފަދަ ފުރައްސާރަތައް ކުރިމަތިވެފައިވާ މީހުނަށް ވާހަކަދެއްކުމަށް ފުރުސަތު ދޭންޖެހޭނެ އަދި އެމީހުނަށް އިންސާފު ގައީމްކޮށްދެވެން ޖެހޭނެ،" އަކްޝޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

ބިޕާޝާ ވެސް ސާޖިދުއާއި ދެކޮޅަށް

ސާޖިދު މައްޗަށް ތުހުމަތުކުރި ތިން އަންހެނުންގެ ތެރެއިން އެކަކީ ނޫސްވެރިޔާ ކަރިޝްމާ އުޕަދުޔޭ އާއި އެކްޓްރެސް ސަލޯނީ ޗޯޕްރާ އަދި ރޭޗެލް ވައިޓް އެވެ. މި މީހުންގެ ތެރެއިން ރޭޗެލްގެ ދިފާއުގައި ބިޕާޝާ ބާސޫ މިހާރު ވަނީ ވާހަކަދައްކާފަ އެވެ. ރޭޗެލް ތުހުމަތުކުރި ގޮތުގައި ސާޖިދު އޭނާއަށް ފުރައްސާރަކުރީ 2012 ވަނަ ފިލްމު "ހަމްޝަކަލް" ގެ ޝޫޓިންގެ ތެރެއިންނެވެ. އެ ފިލްމަކީ ބިޕާޝާ ލީޑު އެކްޓްރެސްގެ ގޮތުގައި ފެނިގެންދިޔަ ފިލްމެކެވެ.

ބިޕާޝާ ބުނީ "ހަމްޝަކަލް" ގެ ޕްރޮމޯޝަނަލް އިވެންޓުތަކުގައި ބައިވެރިވުން ހުއްޓާލީ ސާޖިދު ސަބަބުން ކަމަށެވެ. އޭނާއަކީ އަންހެނުނަށް ވަރަށް އިހުތިރާމު ކުޑަ މީހެއް ކަމަށް ބިޕާޝާ ވަނީ ބުނެފައި އެވެ. އަދި ފުރައްސާރައިގެ ވާހަކަތައް ފާޅުގައި އަންހެނުން ދައްކަމުން އަންނާތީ އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަކްޝޭއާއެކު ކްރިތީ ޝެނޮން، ކްރިތީ ކަރްބަންދާ، ބޮބީ ޑިއޯލް، ޕޫޖާ ހެޖް، ޖޯނީ ލީވާ، ރިތޭޝް ދޭޝްމުކް، ބޯމަން އިރާނީ، ނާނާ ޕަޑްނޭކަރް އަދި ޗަންކީ ޕާންޑޭ ކާސްޓުގައި ހިމަނާފައިވާ "ހައުސްފުލް 4" ސިނަމާތަކަށް ގެނައުމަށް ނިންމާފައި އޮތީ އަންނަ އަހަރު އޮކްޓޯބަރު 26 ގައި އެވެ.