ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނެރުއްވި ބަޔާންތަކަކާ ގުޅިގެން ހައްޔަރުކުރި ވަކީލް މޫސާ ސިރާޖު މިއަދު އޭނާގެ އުފަން ރަށް، ލ. ފޮނަދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ފޮނަދޫ ދާއިރާގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވާ ސިރާޖަށް ކައްދޫ އެއާޕޯޓުން މަރުހަބާ ރަށުގެ ރައްޔިތުން ދަންނަވާފައިވާއިރު ފޮނަދޫގައި ވަނީ އޭނާއަށް މަރުހަބާ ދެންނެވުމަށް ހާއްސަ ހަރަކާތެއް ބާއްވާފަ އެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރަކީ އެ ދާއިރާގައި މިހާރު އެންމެ ބޮޑަށް އޮތް ވަޒީފާގެ ބިރު ދެއްކުން ނައްތާލާނެ ސަރުކާރެއް ކަމަށެވެ. ހަމަހަމަކަމާއެކު އެންމެންނަށް ހިދުމަތްކޮށް ދޭނެ ސަރުކާރަކަށް ވާނެ ކަމަށެވެ.
ފޮނަދޫއަށް ނިސްބަތްވާ ސިރާޖު އިތުރަށް ވިދާޅުވީ އެ ދާއިރާއަށް ހައްގު މިންވަރަށް ތަރައްގީ ލިބިފައިނުވާ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރުގެ ތެރެއިން ދާއިރާއަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދާއިރާގައި ދެން އޮންނަ ރަށް ކަމަށްވާ، މާމެންދޫއަށް ސިރާޖު މާދަމާ ވަޑައިގެންނެވުމަށް ވަނީ ނިންމަވާފަ އެވެ.