ހަބަރު

މަަގުމަތިވިޔަަސް ޔާމީންގެ ފަހަތަށް ޖޭޕީ ދެން ނާރާނެ: އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ސްޓޭންޑަކީ ކޯލިޝަން ދެމެހެއްޓުން ކަމަށާއި މަގުމަތީ އުޅެން ޖެހުނަސް އިތުރަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަހަތަށް އެ ޕާޓީ ނުދާނެ ކަމަށް ޖޭޕީގެ ރައިސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އދ. ދިގުރަށުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޖޭޕީގެ ބާނީ ގާސިމް އިބްރާހިމްގެ ސްޓޭންޑަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމްއަށް ޖޭޕީއިން ފުރިހަމަ އިހްތިރާމް ކުރުން ކަމަށާއި ކޯލިޝަން ދަމަހައްޓައިގެން ކުރިޔަށް ދިޔުމަށް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމައިގެން ނުވަތަ އެހެން ގޮތަކަށް ވިޔަސް އަދި މަގުމަތިވާން ޖެހުނަސް ޖޭޕީއިން ރައީސް ޔާމީން ފަހަތަށް ނާރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޓޭންޑު ޕޮޒިޝަން ވަރަށް ކްލިއާ، ސުޕްރީމް ކޯޓު ކީއްކުރަން ކޮންމެތާކުން ކޮންމެ ކަހަލަަ ކަމެއް ރައީސް ޔާމީން ކުރެއްވިޔަސް ނާށިގަނޑު ހިފައިގެން މަގުމަތީ ތިބެން ޖެހުނަސް ޔާމީން ފަހަތަކުން ޖޭޕީ ދެނެއް ނުދާނެ، އެކަމެއް ނުވާނެ، އަޅުގަނޑުމެންގެ ޕާޓީ އޮންނާނީ ކޯލިޝަންގެ ތެރޭގައި،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކޯލިޝަންއާ މެދު ދިވެހި އެއްވެސް ރައްޔިތަކު ކަންބޮޑު ނުވުމަށް އެދޭ ކަމަށާއި ހަމަޖެހޭ ފަސް އަހަރުގެ ވެރިކަމެއް އިބޫއާއެކު ކުރުމަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ. އެހެންވެ ޖޭޕީގެ އެއްވެސް ކައުންސިލް މެންބަރަކު އެހެން ޕާޓީއެއްގެ ބޭފުޅަކަށް ކުޑައިމީސް ބަހެއް ބުނުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އެހެން ހަދައިފި ނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.