ދުނިޔެ

ބިން ލާދިން ހޯދަން އެހީވުމުގެ ތުހުމަތުކުރި ކުޑަކުދިންގެ ޖަމިއްޔާ ޕާކިސްތާނުން ބޭރުކޮށްލައިފި

Jun 12, 2015

އަލްގައިދާގެެ ލީޑަރު އުސާމާ ބިން ލާދިން ހޯދަން ޕާކިސްތާނުގައި އެމެރިކާ އަށް ފޭކު ވެކްސިން ޕްރޮގްރާމެއް ހިންގައިދިން ކަމުގެ ތުހުމަތު ޕާކިސްތާން ސަރުކާރުން ކުރިން އަޅުވާފައިވާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބޭރުގެ ޖަމިއްޔާއެއް އެ ގައުމުން ބޭރުކޮށްލައިފި އެވެ.

ޕާކިސްތާން ފުލުހުން ވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސޭވް ދަ ޗިލްޑްރެންގެ އޮފީސް ބަންދުކޮށްފަ އެވެ. އަދި ބޭރު ގައުމުތަކުގެ މުވައްޒަފުން ޕާކިސްތާން ދޫކޮށް ދިނުމަށް ވަނީ 15 ދުވަސް ދީފަ އެވެ.

އެ ގޮތަށް ނިންމި ސަބަބެއް ޕާކިސްތާނުން ރަސްމީކޮށް އަދި ނުބުނެ އެވެ. އެކަމަކު، މި ފަހުން ޕާކިސްތާނުން ވަނީ އަމިއްލަ ޖަމާއަތްތަކާއި ޖަމިއްޔާތަކާ ގުޅޭ ގަވާއިދުތައް ވަރުގަދަކޮށް، ބައެއް ޖަމާއަތްތަކުގެ ހުއްދަ ބާތިލްކޮށްފަ އެވެ. އަދި ސަރުކާރު އިސް އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ނޫސް އެޖެންސީން ބުނި ގޮތުގައި ސޭވް ދަ ޗިލްޑްރެންގެ ހަރަކާތްތަކަށް ސަރުކާރުން ފާރަލައި ގާތުން ބަލަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

"އެ މީހުން އަންނަނީ ޕާކިސްތާނުގެ މަސްލަހަތުތަކާ ދެކޮޅަށް މަސައްކަތްކުރަމުން،" އެ އޮފިޝަލް ވިދާޅުވި ކަމަށް އެ އެޖެންސީން ބުންޏެވެ.

ސަރުކާރުގެ އެ ފިޔަވަޅު ސޭވް ދަ ޗިލްޑްރެން އިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ޖަމާއަތުގެ ޕާކިސްތާން ގޮފީގައި މުޅިން ވެސް މަސައްކަތްކުރަނީ ޕާކިސްތާންގެ ރައްޔިތުންނެވެ.

"މިކަމާ ގުޅިގެން އެންމެ މަތީ ލެވެލްގައި ވާނީ ޝަކުވާކޮށްފައި،" ބަޔާނުގައިވެ އެވެ.

އެމެރިކާ އިން ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި ފިލައިގެން އުޅެނިކޮށް މޭ 2، 2011 ވަނަ ދުވަހުގެ ފަތިހު އެވެ. ޕާކިސްތާނު ސަރުކާރަށް ވެސް އެންގުމަކާ ނުލައި އެމެރިކާ ސިފައިން ހިންގި ހާއްސަ ހަރަކާތެއްގައި ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި އުޅޭތާ އަހަރުތަކެއް ފަހުންނެވެ.

އޭރު ބިން ލާދިން ހޯދަން މަސައްކަތް ކުރާތާ ވަނީ ދިހަ ވަރަކަށް އަހަރު ވެފަ އެވެ. އެ މަސައްކަތުގައި، ސީއައިއޭ އިން ވަނީ ޕާކިސްތާނުގައި ފޭކު ޕޯލިއޯ ވެކްސިން ޕްރޮގްރާމެއް ހިންގާފަ އެވެ. އެ ޕްރޮގްރާމް އެމެރިކާ އަށް ހިންގައިދިން ކަމުގެ ތުހުމަތުކޮށް ޕާކިސްތާނުގެ ޑޮކްޓަރެއް ކަމަށްވާ ޝަކީލް އަފްރީދީ ވަނީ ޖަލަށް ލާފަ އެވެ. އަދި އޭނާއާ ބައިވެރިވި ކަމުގެ ތުހުމަތު ސޭވް ދަ ޗިލްޑްރެންގެ ބޮލުގައި ވެސް ޕާކިސްތާން ސަރުކާރުން ކުރިން އެޅުވި އެވެ.

ބިން ލާދިން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި ކަނޑުފައްތާފަ އެވެ. އަދި ބިން ލާދިން މަރާލާފައި ވަނިކޮށް ނަގާފައިވާ އެއްވެސް ފޮޓޯއެއް ވެސް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.