ދުނިޔެ

ނޫސްވެރިޔާ މައްސަލާގައި ސައުދީގެ އިންވެސްޓާ ކޮންފަރެންސް ބޮއިކޮޓް ކުރަނީ

Oct 14, 2018
3

ރިޔާދު (އޮކްޓޯބަރު 14) - ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ކަޝޯޖީ ގެއްލުނު މައްސަލާގައި، ސައުދީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބޮޑު އިންވެސްޓާ ކޮންފަރަންސެއް ބޮއިކޮޓް ކޮށްފާނެކަމަށް އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ބުނެފި އެވެ.

މުހައްމަދު ބިން ސަލްމާނަށް ސީދާ ފާޑުވިދާޅުވާ ޖަމާލް އެންމެ ފަހުން ފެނިފައިވަނީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ވަންނަނިކޮށް އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ.

އޭނާ ގެއްލިގެން ތުރުކީ ސަރުކާރުން ތަހުގީގު ފަށާފައިވާއިރު، އޭނާ ސައުދީ އެމްބަސީ ތެރޭގައި މަރާލި ކަމަށް ބެލެވޭ ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތުހުމަތު ކުރަމުންނެވެ.

އަދި އެކަން އެ ގޮތަށް ކޮށްފައިވާ ކަމުގެ އޯޑިއޯ އާއި ވީޑިއޯ ހެކި ހުރިކަމަށް ވެސް ތުރުކީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޖަމާލް ގެއްލުމުގައި ސައުދީ ސަރުކާރުގެ އަތެއްވާނަމަ، އެކަމަށް ހައްގު "އަދަބު" ދޭނެކަމަށް ސައުދީ ސަރުކާރަށް ވާގިދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގައި، މި މަހު ސައުދީގައި ބޭއްވޭ އިންވެސްޓްމަންޓް ކޮންފަރަންސް މިހާރު ވެސް ވަނީ ބޮޑެތި ކުންފުނިތަކާއި ބައެއް މީޑީއާތައް ބޮއިކޮޓްކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އިނގިރޭސިވިލާތާއި، އެމެރިކާގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް އެ ކޮންފަރަންސްގައި ބައިވެރިނުވުމަށް މަޝްވަރާތައް ދަނީ ކުރަމުންނެވެ.

ނަމަވެސް، އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެ އެވެ.

އެ ތުހުމަތުތަކާއި ގުޅިގެން، ސައުދީގެ އިންޓީރިއާ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒު ސައުދީ މީޑީއާއަށް ވިދާޅުވީ، ޖަމާލާ ގުޅިގެން ކުރެވޭ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެކަމުގެ ހަގީގަތް ހާމަކުރަން ސައުދީ ސަރުކާރުން ވެސް ބޭނުންވާކަމަށެވެ.

ރުކީ ސަރުކާރަށް ލިބިފައިވާ ރެކޯޑިންގްތަކުގައި، ޖަމާލަށް ބަޔަކު ހަމަލާދީ، އަނިޔާކުރިކަން އޯޑިއޯ ރެކޯޑިންއަކުން ހާމަވާކަމުގައި ވަނީ ބުނެފަ އެވެ.

އެ އޯޑިއޯ ރެކޯޑިންއަކީ ޖަމާލް އެމްބަސީއަށް ވަތްއިރު އަޅާފައިވާ އެޕަލް ސްމާޓް ވޮޗުން ނަގާފައިވާ ރެކޯޑިންއެއް ކަމަށް ވެސް ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ސައުދީ ސަރުކާރާށް ވާގިދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ނޫސްވެރިޔާއަށް ވީގޮތެއް ހެއްކާއެކު ހާމަކުރުމަށް ވެސް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ.

ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ސަރުކާރުގެ ޓީމެއް ސައުދީ އެމްބަސީއަށް ވަދެ ޖަމާލަށް ވީގޮތެއް ބެލުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް، އެކަން ކުރުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ތުރުކީ މީޑިއާތަކުން ވަނީ ޖަމާލު ގެއްލުވައިލުމަށް ސައުދީ ސަރުކާރުން ފޮނުވި މީހުންކަމަށް ބެލެވޭ ބައެއްގެ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމުކޮށްފަ އެވެ.

އޮކްޓޯބަރު 2 ގައި ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ. އޭނާ ކައިވެނި ކުރަން އުޅޭ އަންހެން މީހާއާއެކު އެމްބަސީއަށް ދިޔަ ނަމަވެސް، އަންހެން މީހާ މަޑުކުރީ އިމާރާތުގެ ބޭރުގައިކަމަށް ވެސްވެ އެވެ. ޖަމާލް އިމާރާތުން ނުކުމެފައިނުވާ ކަމަށް އެ އަންހެން މިހާ މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް، ސައުދީ ސަރުކާރުން ބުނީ، ލިޔެކިޔުންތައް ފުރިހަމަކޮށްގެން ހަމަ އެ ދުވަހު ޖަމާލް އެމްބަސީއިން ނުކުމެފައިވާ ކަމަށެވެ.