ދުނިޔެ

މަޖިލީހުގެ ގޮނޑިއާއެކު އަންވަރު މެލޭޝިއާގެ ބޮޑު ވަޒީރުގެ މަގާމާއި ގާތަށް

Oct 14, 2018

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 13) - ޕޯޓް ޑިކްސަންގެ ޕާލަމެންޓް ގޮނޑި ކާމިޔާބު ކުރައްވައި މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބު އަންވަރު އިބްރާހިމް އަލުން ސިޔާސީ ދާއިރާގެ އިސް ސަފަށް އަރާވަޑައިގެންފި އެވެ.

ނަތީޖާ ދައްކާގޮތުން، އިއްޔެ ބޭއްވި ބައި-އިލެކްޝަނުގައި އަންވަރު ވަނީ، ފަސް ކެންޑިޑޭޓުންނާއި ވާދަކުރައްވައި 71 ޕަސެންޓް އާއެކު 31،016 ވޯޓު ހޯއްދަވައިފަ އެވެ. އަންވަރާ އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓަށް ވެސް ލިބިފައި ވަނީ 7،456 ވޯޓެވެ.

"އަޅުގަނޑު މިހުރީ ހަގީގަތުގައި ވެސް ވަރަށް އުފަލުން، މިއީ ބޮޑު ވަޒީރުގެ އިސްލާހީ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" ޖަލު ގޮޅިން އަލުން އެނބުރި ސިޔާސީ މައިދާނަށް ނުކުންނެވި 71 އަހަރުގެ އަންވަރު ވިދާޅުވި އެވެ.

އަންވަރު ޕާލަމެންޓަށް ގެނައުމަށްޓަކައި ވެރިކަން ކުރާ ކޯލިޝަނުގެ މެންބަރަކު ވަނީ އިސްތިއުފާ ދީފަ އެވެ.

މެއި މަހު ބޭއްވުނު މެލޭޝިއާގެ އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި ބޮޑު ވަޒީރު ކަމަށް މަހާތިރު މުހައްމަދު ވަޑައިގަތުމާ އެކު އަންވަރު ވަނީ ޖަލުން ސަލާމަތްކޮށްފަ އެވެ. މަހާތިރާއި އަންވަރާ ދެމެދު ކުރިން އޮތް ރުޅިވެރިކަމާއި ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރަން އެއްބަސްވީ، ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގައި ކޮރަޕްޝަން ބޮޑުވުމުންނެވެ.

ދެ އަހަރެއްހާ ދުވަހު ވެރިކަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވައި، ބޮޑު ވަޒީރުކަން އަންވަރާއި ހަވާލު ކުރައްވާނެ ކަމަށް މަހާތިރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.