މިއުޒިކް

"މާރޯކާ"އަކީ މާސްޓަޕީސްއެއް

ސިމްބޮލިކް ރެކޯޑްސްއިން ގެނެސްދިން ފުރަތަމަ ދިވެހި ސޯލޯ ހިޕްހޮޕް އަލްބަމް "މާރޯކާ" ވަނީ މިދިޔަ ބުދަ ދުވަހު ނެރެފަ އެވެ. މާޓުގެ އަޑުން އިވިގެންދާ މި އަލްބަމް ދޫކޮށްލުމުގެ ކުރިން ސިމްބޮލިކް އިން ބުނީ މިއީ "މާސްޓަޕީސް" އަލްބަމަކަށް ވާނެ ކަމަށެވެ. އަދި މި ފެންވަރުގެ ދިވެހި އަލްބަމެއް ގެނެސްދީފައި ނެތް ކަމަށެވެ.

ކްލަބް360 ގައި އޮތް ޝޯގައި މި އަލްބަމް ރިލީޒްކޮށް ދިނީ ދިވެހި މިއުޒިކުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އެވެ.

"މިހާ ބައިވަރު ޒުވާނުންތަކެއްގެ އުއްމީދު، އޭގެ ސިފާގައި މުޅި ރާއްޖެއަށް މުޅި ދުނިޔެއަށް ދޫކޮށްލެވޭ ވަގުތެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ދިނީތީ ވަރަށް އުފާވެފައި މިހުރީ. ލަވައެއްގެ އެންމެ ނޯޓެއް ވެސް އެއީ ބައިވަރު މާނަ، އަދި އާޓިސްޓެއްގެ ބައިވަރު އިހުސާސްތައް، ބައިވަރު ވަގުތު، ބައިވަރު ފިކުރު. ލަވައެއްގައި ބުނެވޭ އެންމެ ޖުމްލައެއް އެއީ އެ ލަވަ އުފެއްދި މީހާގެ މުޅި އިހުސާސް،" އަލްބަމް ރިލީޒްކޮށްދެމުން މެޒޯ ބުންޏެވެ.

އަލްބަމް ނެރެ މިހާރު ވިކެމުންދާއިރު، އަޑުއެހުންތެރިންގެ ފަރާތުން ލިބެމުންދާ ތަފާތު ރިވިއުތަކަށް ބަލާނަމަ މިއީ ހަމަ، މާސްޓަޕީސް އެކެވެ.

"މާރޯކާ" އަލްބަމްގެ ޕްރޮމޯޝަނަލް ލަވަ.

"މިއީ މިފަހުން އަޑުއަހާލަން ލިބުނު އެންމެ ފުރިހަމަ ދިވެހި ޅެންތައް. މުޅި އަލްބަމް ވަރަށް ސަޅި އަދި ކޮންމެ ލަވައެއްގެ ޅެމާއި ރާގައި ވަރަށް ގުޅޭ. އެއް ލަވަ އަޑުއަހަފިއްޔަ، އަނެއް ލަވަ އަޑުއަހާ ނުލައި ދޫކޮށްނުލާ ކަހަލަ. ހީވަނީ އަހަރެމެންގެ މުޖުތަމައުގައި ހުރި ބައެއް ކަންކަމާއި އަދި އާޓިސްޓުގެ އަމިއްލަ ކަންބޮޑުވުންތައް ލިޔެފައި އޮތް ޖާނަލްއެއް ކިޔާލާހެން،" މަމްދޫހު ލިޔެފައިވާ ރިވިއުގައި ބުނެފައިވެ އެވެ.

ޖުމްލަ 10 ލަވަ ހިމެނޭ މި އަލްބަމާއި ބެހޭގޮތުން މީގެ ކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި ސިމްބޮލިކްގެ ކްރިއޭޓީވް ޑައިރެކްޓަރު، އިސްމާއިލް ނާއިލް (ބްލަޑް) ބުނީ، މި އަލްބަމްގައި ތަފާތު ރޭންޖުތަކުގެ ލަވަތައް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ލޯބީގެ ލަވަތަކާއި ސިޔާސީ، ތާރީހީ، މަޖާ، ބިރުވެރި އަދި މާޓުގެ އަމިއްލަ އިހުސާސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލަވައެއް ވެސް ހިމެނޭނެ ކަމަށެވެ.

"މި އަލްބަމްގެ ލަވަތަކުގެ ލިރިކްސްއަކީ ވަރަށް ބުރަ މަސައްކަތުން ތައްޔާރުކުރި އަދި ފުރިހަމަ ލިރިކްސްތަކެއް. ޗެލެންޖުކޮށްފައި ބުނަން ކެރޭ މި ލަވަތަކުގެ ލިރިކްސްއަކީ މާސްޓަޕީސް ލެވެލްގެ ލިރިކްސްތަކެއް ކަން، ލިރިކަލީ މިއީ ހަމަ އެންމެ މޮޅު އަލްބަމަށް ވާނެ،" ނާއިލް ބުންޏެވެ.

މި އަލްބަމްގެ ޕްރޮމޯޝަނަލް ލަވައެއް ވެސް މިދިޔަ މަހު ދޫކޮށްލާފައިވެ އެވެ. "ރަސްކަމެއް" ކިޔާ އެ ލަވައަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. އަލްބަމް ގަންނަން ބޭނުންވާ މީހުންނަށް ސިމްބޮލިކްގެ ވެސްބައިޓް މެދުވެރިކޮށް މިހާރު އަލްބަމް ގަންނަން ލިބޭނެ އެވެ. އަގަކީ އެންމެ 200 ރުފީޔާ އެވެ.