ހަބަރު

ރަސްގެފާނުގެ ދައުވަތަށް ނަޝީދު ސައުދީއަށް ފުރާވަޑައިގެންފި

Oct 15, 2018
10

ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ފުރާ ވަޑައިގެންފި އެވެ.

އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދު ސައުދީއަށް ފުރާ ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ. އެމަނިކުފާނާއެކު އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމްވެސް ހިމެނި ވަޑައިގަންނަވަ އެވެ. ނަމަވެސް ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސައުދި އަރަބިއްޔާއާއެކު ބޭއްވި ގުޅުމަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ސައުދި އަރަބިއްޔާއިން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަށް ރައީސް ނަޝީދު ފާޑުވިދާޅުވި އެވެ.

ވެރިކަމުން ފައިބާވަޑައިގެންނެވުމަށްފަހު މިއީ ރައީސް ނަޝީދު ސައުދި އަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ސައުދި އަރަބިއްޔާއިން ވަނީ ރައީސް ނަޝީދުގެ ޕާޓީ، އެމްޑީޕީ ހިނެމޭ ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވާފަ އެވެ. މީގެ އިތުރުން ސައުދީ ރަސްގެފާނުގެ ހާއްސަ މަންދޫބެއްވެސް ވަނީ އިބޫއާ ބައްދަލު ކުރައްވާފަ އެވެ.