ހަބަރު

ނަޝީދު ސައުދީއަށް ކުރި ދަތުރު ނިންމާލުމަށްފަހު އިނގިރޭސިވިލާތަށް

Oct 17, 2018

ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި އިނގިރޭސި ވިލާތައް ވަޑައިގެންފި އެވެ.

ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ސައުދީ ރަސްގެފާނުގެ ދައުވަތަށް އެގައުމަށް ވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމަނިކުފާނު އިނގިރޭސި ވިލާތައް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

ރައީސް ނަޝީދާއެކު އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމްވެސް ސައުދީއަށް ވަޑައިގެންފައި ވެއެވެ. އެކަމާ ގުޅޭގޮތުން ނަސީމް ކުރެއްވި ޓްވީޓެއްގައިވަނީ، ރައީސް ނަޝީދު ސައުދީއަށް ކުރެއްވީ ވަރަށްވެސް ކާމިޔާބް ދަތުރެއް ކަމަށާއި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ހެނދުނު ލަންޑަންއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ. އޭނާ ވަނީ ސައުދީ ރަސްފާނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ރައީސް ނަޝީދު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސައުދި އަރަބިއްޔާއާއެކު ބޭއްވި ގުޅުމަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ސައުދި އަރަބިއްޔާއިން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވެރިކަމުން ފައިބާވަޑައިގެންނެވުމަށްފަހު މިއީ ރައީސް ނަޝީދު ސައުދި އަރަބިއްޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ނަޝީދަށް އަމާޒުވެފަ އެވެ.

ސައުދި އަރަބިއްޔާއިން ވަނީ ރައީސް ނަޝީދުގެ ޕާޓީ، އެމްޑީޕީ ހިނެމޭ ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ. އަދި ސައުދީ ރަސްގެފާނު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވާފަ އެވެ. މީގެ އިތުރުން ސައުދީ ރަސްގެފާނުގެ ހާއްސަ މަންދޫބެއްވެސް ވަނީ އިބޫއާ ބައްދަލު ކުރައްވާފަ އެވެ.