ހަބަރު

އަދީބުގެ ވަކީލު ސިރާޖުގެ ތަކެތި ދޫކޮށް މައްސަލަ ފައިލްކޮށްފި

ރައީސް އަބްދުﷲ ޔާމީނއަށް ތުހުމަތުކޮށް ނެރުނު ބަޔާންތަކަކާ ގުޅިގެން ހައްޔަރު ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖުގެ ތަކެތި ދޫކޮށްލައި އޭނާއާ މެދު ފުލުހުން ތަހުގީގު ކުރަމުން އައި މައްސަލަ ފައިލްކޮށްފި އެވެ.

ވަކީލް ސިރާޖު މިރޭ "އަވަސް"އަށް ވިދާޅުވީ ތަކެތި ދޫކޮށްލައި މައްސަލަ ފައިލްކުރިކަން ފުލުހުން އޭނާއަށް މިއަދު އެންގީ ފޯނުންނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. އަދީބުގެ ފަރާތްޕުޅުން ނެރުނު ބަޔާންތަކަކާ ގުޅިގެން، ސިރާޖް ހައްޔަރުކުރުމަށް ފަހު އެނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު ގެންދިޔައީ، އޭނާގެ ފޯނަކާއި ހާޑް ޑްރައިވަކާއި ވައިފައި ޑޮންގުލްއެކެވެ. އެ ހުރިހާ އެއްޗެއް ވެސް ބަލައި އައުމަށް ފުލުހުން މިއަދު ފޯނުން އެދިފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

"ފޯނުކޮށްފައި ބުނީ އެތަކެތި ދޫކޮށްލީއޭ. ދެން މައްސަލަ ވެސް ފައިލް ކޮށްފީމޭ،" އަވަސް އަށް މައުލޫމާތު ދެއްވަމުން ސިރާޖު ވިދާޅުވިއެވެ.

އަދީބުގެ ފަރާތްޕުޅުން ބަޔާން ނެރުއްވާތީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސިރާޖް ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރުމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މުރާޖައާ ކޮށްދިނުމަށް އެދި އޭނާގެ ވަކީލު ނާޒިމު އަބުދުއް ސައްތާރު ހުށަހެޅުއްވި މައްސަލައެއް ބެލުމަށް ފަހު އޭނާ ފަހުން ވަނީ މިނިވަންކޮށްފަ އެެވެ.