ހަބަރު

އަދީބުގެ ބަޔާންތަކާ ގުޅިގެން ސިރާޖު ހައްޔަރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ހައްޔަރުކޮށްފި އެވެ.

ސިރާޖުގެ ވަކީލް މަހުފޫޒު ސައީދު އަވަސްއަށް އެކަން ކަށަވަރުކޮށް ދެއްވަމުން ވިދާޅުވީ ސިރާޖު ހައްޔަރުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން ޖިނާއީ ކުށެއްކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

މިފަހުން އަދީބު ވަނީ ތިން ދުވަހުގެ މަތިން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ރައީސް ޔާމީންގެ ކޮރަޕްޝަނާއި ސިހުރުވެރިކަމާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

ސިރާޖު ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުގައިވާ ގޮތުން އަދީބާ ހަވާލާދީ ސިރާޖު ޝާއިއުކޮށް ރިޕޯޓްކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތަކެވެ. އަދި ހަޑި ހުތުރު ބަހުން ލިޔުންތައް ތައްޔާރުކުރާ ކަމުގެ ތުހުމަތު ވެސް ސިރާޖުގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.

ސިރާޖަކީ އަދީބުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ވެސް ވަކީލްކަން ކުރައްވާ ބޭފުޅެކެވެ. އަދި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ވަކީލެކެވެ.