ހަބަރު

މޫސާ ސިރާޖު ހަ ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު މިފަހުން ނެރުއްވި ނޫސް ބަޔާންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ވަކީލް މޫސާ ސިރާޖުގެ ބަންދަށް ހަ ދުވަސް ކުރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

މޫސާ ސިރާޖު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި މިއަދު ހެނދުނު އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސްކުރުމަށްފަހު ހާޑް ޑްރައިވްއަކާއި ޕެން ޑްރައިވެއް އަދި ތިން ލިޔުމެއް ފުލުހުން ގެންދިޔަ އެވެ.

ސިރާޖު ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން ޖިނާއީ ކުށެއްކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރާ ކަމުގެ ތުހުމަތުގަ އެވެ.

އަމުރުގައިވާ ގޮތުން އަދީބާ ހަވާލާދީ ސިރާޖު ޝާއިއުކޮށް ރިޕޯޓްކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތަކެވެ. އަދި ހަޑި ހުތުރު ބަހުން ލިޔުންތައް ތައްޔާރުކުރާ ކަމުގެ ތުހުމަތު ވެސް ސިރާޖުގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.

ސިރާޖަކީ އަދީބުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ވެސް ވަކީލްކަން ކުރައްވާ ބޭފުޅެކެވެ. އަދި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ވަކީލެކެވެ.