ތުރުކީގެ އިސްތަންބޫލުގައިވާ ސައުދީ ކޮންސިއުލޭޓަށް މި އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހު ވަަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީ ގެއްލުނު މައްސަލަ ތަހުގީގުކުރުމަށް ތުރުކީ ފުލުހުން ސައުދީ ކޮންސިއުލޭޓް ބަލައި ފާސްކޮށްފިއެވެ.
ސައުދީ ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ގޮތުގައި އުޅުމަށް ފަހު ފަހުން އެ ރަސްކަމަށް ފާޑުކިޔާ މީހެއްގެ ގޮތުގައި ހުރި ޚަޝޫގްޖީ ފަހުން ދިރިއުޅެމުން އައީ އެމެރިކާގައެވެ. އިސްތަންބޫލްގައިވާ ސައުދީ ކޮންސިއުލޭޓަށް އޭނާ ދިޔައީ ވަރީގެ ލިޔެކިއުންތަކެއް ނެގުމަށެވެ. ނަމަވެސް އެތަނަށް ވަނުމަށް ފަހު އޭނާ ގެއްްލިފައި ވާއިރު ސައުދީން މިހައިތަނަށް ބުނަމުން އައީ އޭނާ ސަލާމަތުން އެތަނުން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެވާހަކައަށް ބާރުދޭ ހެއްކެއް މިހައިތަނަށް ދައްކާފައެއް ނުވެއެެވެ.
ރޮއިޓާސް ބުނީ ތުރުކީ ފުލުހުންގެ 10 ވަރަކަށް މީހުންގެ ޓީމަކުން ކޮންސިއުލޭޓްގެ ތެރޭގައި ނުވަ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރުމަށް ފަހު ނުކުމެގެން ގޮސްފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަަމަށެވެ. އަދި ބުނީ ތުރުކީ ފުލުހުންގެ ފޮރެންސިކް ވެހިކަލް ކޮންސިއުލޭޓަށް އައިސް އެތަނުގެ އެތެރޭން ބައެއް ތަކެތި ގެންދިޔަތަން ރޮއިޓާސްގެ ނޫސްވެރިންނަށް ފެނިފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އެގޮތުން ގެންދިޔަ ތަކެތީގެ ތެރޭގައި ވެއްޔާއި ކޮންސިއުލޭޓްގެ ބަގީޗާގައި ހުރި ދަގަނޑު ދޮރެއް ވެސް ހިމެނޭ ކަމަށް ރޮއިޓާސްގެ ރިޕޯޓުގައި ބުނެފައި ވެއެެވެ.
ތުރުކީގެ ނަން ހާމަ ނުކުރާ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ޚަޝޫގްޖީ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އެ ޖެންސީން ބުނީ ތުރުކީ އޮފިޝަލުން އެކަން ސިފަކުރަނީ ދުރާލައި ރާވައިގެން ކޮށްފައިވާ ގަތުލެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުން އެކަން ދޮގުކުރެއެވެ.
ޚަޝޫގްޖީ ގެއްލުނު މައްްސަލައިގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. އެ ގޮތުން ކުރި މަޝްވަރާގައި ދެގައުމުގެ އޮފިޝަލުން ހިމެނޭ ޓީމަކުން އެ މައްސަލަ ތަހުގީގުކުރަން އެއްބަސްވެފައިވާ ކަމަށް ސައުދީ ނޫސްތަކުން ބުންޏެވެ.
ޚަޝޫގްޖީ ގެއްލުނު މައްސަލައިގައި ގިނަ ގައުމުތަކަކުން ސައުދީއާ މެދު ނުރުހުން ފާޅުކުރަމުން ދާއިރު އެގައުމުން ބުނެފައި ވަނީ އެކަމާ ގުޅުވައިގެން އެގައުމަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ އެކަމުގެ ބަދަލުހިފާނެ ކަމަށެެވެ.