ދުނިޔެ

ނޫސްވެރިޔާ މަރާލީ ރާވައިގެން ކަމަށް ވެސް ސައުދީން އެއްބަސްވެއްޖެ

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފަައި ވަނީ ދުރާލައި ރާވައިގެން ކަމަށް ވެސް ސައުދީ އަރަބިއްޔާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ސައުދީ ސަރުކާރަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝުގްޖީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަަމަށް ސައުދީ ސަރުކާރުން އެއްބަސްވީ އޭގެ ކުރިންް ދެގޮތަކަށް ވާހަކަދެއްކުމަށް ފަހުގަ އެވެ. އެގޮތުން ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ޚާޝުގްޖީ ގެއްލުނު ކަމަށް ތުރުކީގެ ނޫސްތަކާއި ބައިނަލް އަގުވާމީ ނޫސްތަކުން ބުނުމުން ސައުދީން ފުރަތަމަ އެކަން ދޮގުކުރި އެވެ. އަދި އެއަށް ފަހު އެހާދިސާއާ ބެހޭ ތަފުސީލުތައް ތުރުކީގެ އޮފިޝަލުން ނުރަސްމީކޮށް ދޭން ފެށުމުން ފަހުން އެއްބަސްވީ ކޮންސިއުލޭޓްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށެވެ. ނަމަވެސް ބުނީ އޭނާ މަރުވީ އެތަނުގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިން ކަމަށެވެ.

ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަންގާރަދުވަހު ވިދާޅުވީ ޚާޝުގްޖީ މަރާލާފައި ވަނީ ދުރާލާ ރާވައިގެންކަމަށާއި މި އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހު އޭނާ ކޮންސިއުލޭޓަށް ދާން އެންގި އިރުވެސް އެކަން އޮތީ ރާވާފައި ކަމަށެވެ.

ސައުދީ ސަރުކާރުގެ އަލްއަޚުބާރިއްޔާ ޓީވީއާ ހަވާލާދީ ރޮއިޓާސް ބުނީ ޚާޝުގްޖީ މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަން
ގަބޫލުކޮށް ސައުދީ ޕަބްލިކް ޕްރޮސެކިއުޓަރް ، ތުހުމަތު ކުރެވޭ މީހުންނާ ސުވާލުކުރަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ ޚާޝުގްޖީ މަރާލާފައި ވަނީ ދުރާލާ ރާވައިގެންކަން އެނގުނީ ސައުދީ އާއި ތުރުކީން ގުޅިގެން ކުރި ތަހުގީގުން ކަމަށެވެ.