ދުނިޔެ

ޚާޝުގްޖީ މެރި ކަމުގެ ތުހުމަތުވާ މީހުން ތުރުކީއަށް ފޮނުވަން އެދެނީ

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގަައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލައިގަައި ތުހުމަތު ކުރެވޭ 18 މީހަކު ތުރުކީއަށް ފޮނުވަން ސައުދީ ސަރުކާރުގަައި އެދެން ތުރުކީން ނިންމައިފިއެވެ.

ތުރުކީގެ އިދާރާތަކާ ހަވާލާދީ ރޮއިޓާސް ބުނީ 18 މީހުން ތުރުކީއަށް ފޮނުވައި ދިނުމަށް އެދޭ ލިޔެކިއުންތައް ތައްޔާރުކޮށްފައިވާ ކަމަށެވެ. ތުރުކީ އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައިވާ ގޮތުގައި ތުހުމަތުކުރެވޭ މީހުންގެ ތަހުގީގުކޮށް ޝަރީއަތް ކުރުމަށް ތުރުކީއަށް ފޮނުވަން އެދޭ ސަބަަބަކީ ޚަޝުގްޖީ މަރާލާފައި ވަނީ ތުރުކީގައި ކަމަށް ވުމެވެ. އަދި ތުރުކީގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން އެ މައްސަލަ މާ ރަނގަޅަށް ބެލޭނެކަމަށް އެގައުމުން ދެކުމަކީ ވެސް ސަބަބެެކެވެ.

"މި މައްސަލައިގައި އިހުލާސްތެރިކަމާއެކު އިންސާފު ހޯދައި ދިނުމަށް ތުރުކީގެ އަދުލު އިންސާފުގެ ނިޒާމު އޮތީ މާ ރަނގަޅަށް ތައްޔާރުވެފައި،" ތުރުކީގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފަައިވެއެވެ.

ޚާޝުގްޖީ މަރާލި މައްސަލައިގެ ތުހުމަތުވާ މީހުން ފޮނުވަން ތުރުކީން އެދޭ އިރު ޚާޝުގްޖީ މަރަން އަމުރުކުރި ކާކުކަން ހާމަކުރުމަށް ތުރުކީގެ ރައީސް ރަޖަބްތޮއްޔިބު އުރުދުޣާން ވަނީ ގޮވާލައްވާފައެވެ. ވެރިކަން ކުރާ އޭކޭ ޕާޓީގެ މެމްބަރުންނާ މުހާތަބު ކުރައްވައި ވެރިރަށް އަންކާރާގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ތަކުރާރުކޮށް އެސުވާލު ކުރައްވާފައެވެ.

"އަމުރު ކުރީ ކާކު؟ 15 މީހުން ތުރުކީއަށް އަންނަން އަމުރުކުރީ ކާކު؟" އުރުދުޣާން ސުވާލުކުރެއްވިއެވެ.