ދުނިޔެ

ޚާޝުގްޖީގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ ކަމަށް ބުނެފި

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ފެނިފަައިވާ ކަމަށް ދެ މަސްދަރަކާ ހަވާލާދީ ސްކައިނިއުސް އިން ބުނެފި އެވެ.

ސްކައި ނިއުސް ބުނީ ޚާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ފެނުނު އިރު އޮތީ ކޮށާލާފައި ކަމަށާއި އޭނާގެ މޫނުވެސް ސިފަގެއްލުވާލާފައިވާ ކަމަށް އެ އެޖެންސީއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައިވާ ކަމަށެވެ. އެ މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނީ ޚާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ފެނުނީ ސައުދީ ކޮންސުލް ޖެނެރަލް ދިރިއުޅުއްވާ ގޭގެ ބަގީޗާ ތެރެއިން ކަމަށެވެ. އެގެއަކީ ސައުދީ ކޮންސިއުލޭޓާ 500 އެއްހާ މީޓަރު ދުރުގައި ހުންނަ ގެއެކެވެ.

ސައުދީ ސަރުކާރަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝުގްޖީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަަމަށް ސައުދީ ސަރުކާރުން އެއްބަސްވީ އޭގެ ކުރިންް ދެގޮތަކަށް ވާހަކަދެއްކުމަށް ފަހުގައެވެ. އެގޮތުން ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ޚާޝުގްޖީ ގެއްލުނު ކަމަށް ތުރުކީގެ ނޫސްތަކާއި ބައިނަލް އަގުވާމީ ނޫސްތަކުން ބުނުމުން ސައުދީން ފުރަތަމަ އެކަން ދޮގުކުރިއެވެ. އަދި އެއަށް ފަހު އެހާދިސާއާ ބެހޭ ތަފުސީލުތައް ތުރުކީގެ އޮފިޝަލުން ނުރަސްމީކޮށް ދޭން ފެށުމުން ފަހުން އެއްބަސްވީ ކޮންސިއުލޭޓްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެއްބަސްވީ ކޮންސިއުލޭޓްގެ ތެރޭގައި ޚާޝުގްޖީ މަރާލީ ރާވައިގެން ކަމަށެވެ. ނަމަވެސް އޭރުވެސް އޭނާގެ ހަށިގަނޑަށް ވީގޮތެއް ނުބުނެއެވެ.

ސައުދީ އޮފިޝަލުން ފަހުން ނުރަސްމީކޮށް ބުނެގަައި ވަނީ ޚާޝުގްޖީގެ ހަށިގަނޑު ހަވާލުކުރީ ތުރުކީން އެކަމަށް އެއްބާރުލުން ދިން މީހާކާ ކަމަށެވެ. އެވާހަކައާ މެދު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. ތުރުކީ ޕާލަމެންޓުގައި ޚާޝުގްޖީގެ ގަތުލާ ބެހޭ ގޮތުން ވާހަކަފުޅު ދައްްކަވަމުން އުރުދުޣާން ސުވާލުކުރެއްވީ ހަށިގަނޑު އިސްތަންބޫލްގެ މީހަކާ ހަވާލުކުރި ނަމަ އެމީހެއްގެ ނަމަކީ ކޮބައިތޯއެވެ.