ދުނިޔެ

ޖަމާލް ޚާޝުގްޖީ: ގަތުލުކޮށްލެވުނު އަޑެއް!

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ވާހަކަ މުޅި ދުނިޔޭގަައި މާ އަޑުގަދަކޮށް ދައްކަން ފެށީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު އެތަނުން ނުނިކުމެ އޭނާ ގެއްލުމުންނެވެ. އެންމެ ފަހުން ކަންތައްތައް ފިލާ ސާފުވީ އިރު އެނގި ހާމަވެފައިވާ ގޮތުގައި ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ބަޔަކު ވަނީ އުމުރުން 59 އަހަރުގެ ޚާޝުގްޖީ މަރާލާފައެވެ. އޭނާ މަަރާލުމުގައި ބައިވެރިވީ ސައުދީ ޖާސޫސީ އިދާރާގެ އިސް ބަޔަކު ރާވައިގެން ކަން ވެސް ވަނީ ހާމަވެފައެވެ. ކައިވެންޏެއް ކުރުމަށް ބޭނުންވާ ލިޔެކިއުންތަކެއްގެ ކަންތަކުގައި ކޮންސިއުލޭަޓަށް ދިޔަ ޚާޝުގްޖީ މަރަން އެވަރުގެ އަނިޔާވެރި ހުތުރު ރޭވުމެއް ރޭވީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. ޚާޝުގްޖީއަކީ ކިހާވަރެއްގެ ، ކޮން ކަމެއް ކުރަމުން އައި ކާކުކަަން އޮޅުން ފިލުވަން މުހިއްމުވީ އެހެންވެއެވެ.

ޚާޝުގްޖީ އެހާ މަޝްހޫރީ ކީއްވެ؟

ޚާޝުގްޖީއަކީ ސައުދީ އަރަބިއްޔާގެ މިހާރުގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ މީހެކެވެ. އެގޮތުން އޭނާ ވަނީ އެމެރިކާގެ ވޮޝިންޓަންޕޯސްޓްގައި ކޮލަމް ލިޔެގެން ވެސް ސައުދީ ޝާހީ އާއިލާއަށް ފާޑުކިޔާފައެވެ. އޭނާ ވޮޝިންޓަންޕޯސްޓްގައި ކޮލަމް ލިޔަން ފެށިތާ އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން އޭނާ އިނގިރޭސިބަހުން ލިއުނު ކޮލަމްތައް ފަހުން އަރަބިބަހަށް ތަރުޖަމާވެސް ކޮށްފައި ވެއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި އޭނާ ކޮށްފައިވާ މަސަައްކަތްތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި 1980ގެ އަހަރުތަކުގައި ކުރި މަސައްކަތްތައް ހިމެނެއެވެ. އެގޮތުން އޭނާ ވަނީ އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާބިން ލާދިންއާ ވެސް އެތައް ފަހަރެއްގެ މަތިން ބަައްދަލުކޮށް އިންޓަވިއުކޮށްފައެވެ. އެރީ އަލްގައިދާގެ ލީޑަރަކަށް އުސާމާ ވުމުގެ ކުރިންނެވެ. އެމެރިކާގެ ނިއުޔޯކްގައިވާ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު ހަމަލާ ދިން އިރު ޚާޝުގްޖީ ހުރީ ސައުދީ އަރަބިއްޔާގައި އިނގޭސިބަހުން ނެރޭ ނޫހެއް ކަމަށްވާ އަރަބް ނިއުސްގެ އެޑިޓާ އިން ޗީފްގެ މަގާމުގައެވެ. އެނޫހަކީ ޝާހީ އާއިލާގެ ބޭފުޅަކު ހިންގާ ނޫހެކެވެ. އޭގެ ފަހުން އޭނާ ވަނީ ސައުދީގެ އެހެން ނޫހެއް ކަމަށްވާ އަލް ވަތަންގައި ވެސް އެޑިޓާ އިން ޗީފްކަމުގެ މަގާމު އަދާކޮށްފައެވެ. އެނޫހުން އޭނާ ދެ ފަހަރެއްގެ މަތިން ވަކިކުރިއެވެ.

ބައިނަލް އަގުވާމީ މުޖުތަމައަށް ޚާޝުގްޖީ އިނގެނީ ކީއްވެ؟

އަލްވަތަން އިން ވަކި ކުރުމަަށް ފަހު އެނޫހުގެ ހިންގުން އަލުން ހަވާލުކުރުމާ ދެމެދުގައި ޚާޝުގްޖީ ހުރީ ޕްރިންސް ތުރުކީ އަލް ފައިސަލްގެ އެޑްވައިޒަރަކަށެވެ. އެމަގާމު ޚާޝުގްޖީއަށް ދިން އިރު ތުރުކީ އަލް ފައިސަލް އަކީ ސައުދީ އަރަވިއްޔާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އަލް ފައިސަލް އަކީ ސައުދީ ޖާސޫސީ އިދާރާގެ ވެރިކަން ކުރިން އެންމެ ގިނަ ދުވަސްވަންދެން ކުރެއްވި ބޭފުޅާއެވެ. ތުރުކީ އަލް ފައިސަލް އެމެރިކާގައި ހުންނަވާ ސައުދީ ސަފީރަކަށް ހަމަޖެއްސުމުން ޚާޝުގްޖީ ދެން އަދާކުރީ މީޑިއާއާ ގުޅޭ ކަންކަމުގައި އޭނާއަށް އެހީތެރިވާ މީހެއްގެ މަގާމެވެ. އެހެންކަމުން ޚާޝުގްޖީއަކީ ސައުދީ ސަރުކާރުގެ އެންމެ އަޑި ވަރަށް ރަނގަޅަށް އެނގޭ މީހެކެވެ.

ގައުމު ދޫކޮށް ދިޔައީ ކީއްވެ؟

ޚާޝުގްޖީ އޭނާގެ އެކުވެރިންނާއި ރިޕޯޓަރުންގެ ގާތުގައި ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު އޭނާ ގައުމު ދޫކޮށް ދިޔައީ ސައުދީ އަރަބިއްޔާގެ މިހާރުގެ ވަލީއަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާންގެ ނުފޫޒު ގަދަވިފަހުން އޭނާ ކަހަލަ މީހުންނަށް އޮތް ބިރުވެރިކަން ބޮޑުވެގެންނެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރުވެސް އޭނާއަށް ހީވީމައެވެ. ގައުމު ދޫކޮށް ދިއުމަށް ފަހު ޚާޝުގްޖީ ވަނީ އަމީރު މުހައްމަދަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިއުންތައް ލިޔެފައެވެ. އެގޮތުން ޔަމަނުގައި މުހައްމަދު ފަށްޓަވާފައިވާ ހަނގުރާމަ ހުއްޓައިލުމަށާއި މިހާރަށް ވުރެ ހިތްތިރިކުރެއްވުމަށް ވެސް މުހައްމަދަށް ގޮވާލާފައެވެ. ޚާޝުގްޖީއަކީ ބައިނަލް އަގުވާމީ ގޮތުން މަގުބޫލު މީހަކަށް ވުމުގެ އެއް ސަބަބަކީ ޔަމަނު ހަނގުރާމައާއި ސައުދީ އަރަބިއްޔާގައި މުހައްމަދު އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމެވެ.