ދުނިޔެ

ނޫސްވެރިޔާ ގެއްލުމުގައި ސައުދީ ޝާހީ އާއިލާގެ އަތެއް؟!

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ވަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީ ވަނީ މަރާލާފައި ކަމަށް ނޫސްތަކުން ބުނާތާ ދުވަސްތަކެއް ވެއްޖެއެވެ. ތުރުކީގެ ނޫސްތަކާއި ބައިނަލް އަގުވާމީ ބޮޑެތި މީޑިއާތަކުން އެގޮތަށް ރިޕޯޓްކުރަމުން އަންނަނީ ތުރުކީގެ ނަން ހާމަ ނުކުރާ އޮފިޝަލުންތަކަކާ ހަވާލާދީއެވެ.

ޚަޝޫގްޖީ ގެއްލުމާއި ނުވަތަ އޭނާގެ މަރާއި ސައުދީ ސަރުކާރާ ގުޅުމެއް ނެތް ކަމަށް އެގައުމުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެން ނަމަވެސް އެކަމުގައި ސައުދީ ސަރުކާރަށް ކުރާ ތުހުމަތުތައް ނިމުމަކަށް ނާދެއެވެ. އެ ގޮތުން ސީއެންއެން އިން ކުރިން ރިޕޯޓްކޮށްފައި ވަނީ ޚަަޝޫގްޖީ މަރުވީ ތަހުގީގެއްގައި ހެދުނު ގޯހެއްގެ ސަބަބުން ކަމަށް އެއްބަސްވާން ސައުދީ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ އެޖެންސީން ބުދަދުވަހު ބުނީ ޚަޝޫގްޖީގެ ތަހުގީގު އިންތިޒާމްކުރީ ސައުދީ ޖާސޫސީ އިދާރާގެ އިސް އޮފިސަރެއް ކަމަށެވެ. އަދި ބުނީ އެ އޮފިސަރަކީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

ތަހުގީގު ކުރީ ގަތަރާ ގުޅުން އޮތް ކަމަށް ބެލެވިގެން

ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޚަޝޫގްޖީގެ ތަހުގީގު ކުރުމަށް އަމީރުު މުހައްމަދާ ގާތް ގުޅުމެއް އޮންނަ އޮފިސަރު ތުރުކީއަށް ފޮނުއްވީ ސީދާ އޭނާގެ އަމިއްލަފުޅު ޓީމް ކަމަށް އެ އެޖެންސީއަށް މަައުލޫމާތު ދިން މަސްދަރު ބުންޏެވެ. ޚަޝޫގްޖީއާ ދެކޮޅަށް އެފަދަ ތަހުގީގެއް ހިންގީ ސައުދީ އަރަބިއްޔާގެ ހަތުރަކަށް މިހާރު ވެފައިވާ ގަތަރާއި އޭނާއާ ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ. އެގޮތުން ތަހުގީގު ހިންގި ނަމަވެސް އޭނާއާ ގަތަރާއި ގުޅުމެއް އޮތް ކަމުގެ ހެއްކެއް ހޯދިފައި ނުވާ ކަމަށް ވެސް ސީއެންއެން އަށް މައުލޫމާތު ދިން މަސްދަރުން ވަނީ ބުނެފައެވެ. އަދި އޭނާގެ ތަހުގީގުގެ ނަތީޖާއާއި އެކަމުގެ ތެރޭގައި އޭނާ އަށް ވީގޮތުގެ ފުރިހަމަ މައުލޫމާތު އެތަހުގީގު ކުރި ޓީމުން ސައުދީ ސަރުކާރަށް ދީފައި ނުވާ ކަމަށް ވެސް އެމަސްދަރުތަކުން ސީއެންއެން އަށް ވަނީ މައުލޫމާތު ދީފައެވެ.

ހަށިގަނޑު ވަނީ ކުދިކުދިކޮށް ކޮށާލާފައި

ސީއެންއެން އަށް މައުލޫމާތު ދިން ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީގެ ރިޕޯޓުގައި ބުނެފައި ވަނީ ތަހުގީގުގައި ހެދުނު ގޯހެއްގެ ސަބަބުން ޚަޝޫގްޖީ މަރުވުމުން ސައުދީ އޮފިސަރުން އޭނާގެ ހަށިގަނޑު ވަނީ ކުދިކުދިކޮށް ކޮށާލާފައެވެ. ނަމަވެސް އެއަށް ފަހު އެހަށިގަނޑުގެ ބައިތަކަށް ހެދި ގޮތަކާ ބެހޭ ގޮތުން ތުރުކީ އޮފިޝަލުން ވަކި އެއްޗެއް ނުބުނެއެވެ. ޚަޝޫގްޖީ ގެއްލުނުތާ ދެހަފުތާ ފަހުން ތުރުކީ ފުލުހުން އިއްޔެރޭ ވަނީ ނުވަ ގަޑިއިރު ވަންދެން ސައުދީ ކޮންސިއުލޭޓް ތެރެ ބަލައި ފާސްކޮށްފައެވެ. ރޮއިޓާސް އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި ތުރުކީ އޮފިޝަލުން އެތަނުން ގެންދިޔަ ތަކެތީގެ ތެރޭގައި ކޮންސިއުލޭޓްގެ ގޯތިތެރެއިން ވެއްޔާއި ބަގީޗާގައި ހުރި ދަނގަޑު ދޮރެއް ވެސް ހިމެނެއެވެ.