އޭސީސީ

އެޗްޑީސީގެ މައްސަލަތަކެއް އޭސީސީގެ ސަމާލުކަމަށް

Oct 16, 2018
6

އެޗްޑީސީގެ ކޭޝްފްލޯ ދަށްވެ އެ ކުންފުންޏަށް މާލީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް އެ ކުންފުނީގެ ބައެއް ހަރަދުތަކާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވަރަށް ގިނަ ކަންކަން ފާހަގަކޮށް އެ ކޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕެޓިޝަންގައި ހުރި ކަންކަން އެ ކޮމިޝަނުން ބެލުމާ މެދު ގޮތެއް ނިންމުންނަށް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެޗްޑީސީގެ އެކިއެކި ވަސީލަތްތައް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބޭނުންކުރި މައްސަލަ އާއި އެހެން ވެސް ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަތައް ކަމަށެވެ.

ހައުސިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން 400 ގޯތި ވިއްކަނީ އެޗްޑީސީގެ ކޭޝްފްލޯ ދަށްވުމާ ގުޅިގެން އެކަން ރަނގަޅު ކުރުމަށެވެ. އެޗްޑީސީގެ ކޭޝްފޯލް ދަށްވި ކަމަށް ސަރުކާރުން ބުނާ އިރު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެޗްޑީސީގެ ބަޖެޓުން ހަރަދުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.