ހަބަރު

ހުޅުމާލޭ ބީޗު ކެފޭތަކަށް ހުއްދަ ދިނުމުގައި ވެސް ކޮރަޕްޝަން

ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ވިޔަފާރި ކުރުމަށް ވަގުތީ ހުއްދަ ދޫކޮށްފައިވާ ގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޗްޑީސީން ކުރި އިއުލާންގައި ވަނީ ހުޅުމާލޭ ބީޗަކީ އާންމުކޮށް އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަން ރާވާފައިވާ ކަމަށެވެ. އަދި ބީޗުގައި ހަޓުތައް ޖަހައިގެން ވިޔަފާރި ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ހަޓުތައް ނަގަން އަންގާ ކަމަށެވެ. ނަމަވެސް މިހާތަނަށް ހަޓްތައް ނަގާފައެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީއިން ނެރުނު ރިޕޯޓްގައި ވަނީ، ހުޅުމާލެ އިރުމަތީފަރާތު ބީޗް ސަރަހައްދު ވަގުތީ ގޮތުން ކުއްޔަށްދިނުމުގެ އުސޫލެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކުލަވާލި ނަމަވެސް އެ އުސޫލަށް އަމަލު ކުރަން މަޑުޖައްސާލާފައިވާ ކަމަށެވެ. އެއުސޫލުގެ ދަށުން ބީޗް ބޭނުން ކުރުމުގެ ހުއްދައަށް ބައެއް ފަރާތްތަކުން އެދިފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ.

ރިޕޯޓްގައިވަނީ، ހުޅުމާލެ ބީޗް ސަރަހައްދު ޖެނުއަރީ މަހުގެ ނިޔަލަށް ހުސްނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެދުމުގެ މަތީން ފިޔަވަޅު އެޅުން މަޑު ޖައްސާލާފައިވާ ކަމަށް އެޗްޑީސީއިން ބުނެފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

ހުޅުމާލެ ބީޗް ތަރައްގީގެ ޕްލޭން ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނުގެ ވިއުގަ އަޅަން ހަމަޖެހިފައިވަނީ އެސަރަހައްދުން ކަމަށެވެ. ފެނުގެ ވިއުގަގެ އަމަލީ މަސައްކަތް ފެށެންދެން އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭސީސީގެ ރިޕޯޓްގައި ވެއެވެ.

އޭސީސީއިން ބުނީ، ހުޅުމާލޭ ބީޗަކީ އެއްވެސް ފަރާތަކުން ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެ ކޯޕަރޭޝަނުން ބުނި ނަމަވެސް އަލުން އެތަން ބޭނުންކުރަން ވަގުތީ ހުއްދައެއް ދިނުމަށް ނިންމައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ އެކަމުގެ މަންފާ ވަކި ފަރާތަކަށް ހޯދައިދިނުންކަމަށް ބެލެވިދާނެކަމަށެވެ. އަދި އެކަމަކީ ކޮރަޕްޝަނަށް މަގުފަހިވާކަމެއް ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

"އެހެންކަމުން އަލުން ހުއްދަ ދިނުމުގައިވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައިވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ ޢަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫންކަމާއި އަދި ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށާއި އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވާނީ އެންގިފަ،" ރިޕޯޓްގައި ވެއެވެ.

ބީޗް ވިޔަފާރީއަށް ބޭނުންކުރަން ހުއްދަދޭނަމަ އެކަމަށް ހަރުދަނާ އުސޫލެއް އެކުލަވާލައި އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީއަށް އަންގާފައިވާ ކަމަށެވެ. އަދި އަދި އެފަދަ އުސޫލެއް އެކުލަވާލާއިރު ބީޗް ސަރަހައްދު އާންމުންނަށް އެންމެ ފުރިހަމަގޮތުގައި ހިފޭނޭގޮތަށް އެސޫލުތައް އެކުލަވާލުމަށްވެސް އަންގާފައިވާނެ ކަަމަށް ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައިވަނީ ބީޗް ސަރަހައްދު ބައެއް ގެސްޓް ހައުސްތަކުން އަމިއްލަ ފަރާތަކަށް ކުށްޔަށްދީގެން ނަފާ ހޯދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަކީ ގާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ނުވާތީ އެކަން ބެލުމަށްވެސް އަންގާފައިވާ ކަމަށެވެ.

އެޗްޑީސީ އިން އެންމެފަހުން އަމަލުކުރަން ނިންމި އުސޫލުތަކަށް އަދިވެސް ބައެއް ފަރާތްތަކުން ބޯނުލަނބާ ކަމަށާއި އެ ކޯޕަރޭޝަނުން އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ. އަދި އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ތުހުމަތުކުރެވިދާނެ ކަމަށާއި އެކަމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އެހެކަމުން އެކަން ސީރިޔަސް މައްސަލައެއްގޮތުގައި ބަލައި ކަނޑައެޅިފައިވާ ފިޔަވަޅުތައް އެޅުމަށް އެޗްޑީސީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީގެ ރިޕޯޓްގައި އެވެ.