ހަބަރު

ހުޅުމާލޭގެ ފަސް ބިމަކުން 39 މިލިއަން ރުފިޔާ ހޯދަން އޭސީސީއިން އަންގައިފި

ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ކުއްޔަށް ދޫކޮށްފައިވާ ފަސް ބިމަކުން ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 39 މިލިއަން ރުފިޔާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.

އޭސީސީ އިން ނެރުނު ބަޔާނެއްގައި ވަނީ، އަމިއްލަ ފަރާތަކުން ހުޅުމާލޭގެ ސިނާއީ ސަރަހައްދުން 75 ހާސް ފޫޓުގެ ފަސް ބިމެއް ކުއްޔަށް ނަގާފައިވާ ކަމަށާއި މިހާތަނަށް އެތަންތަނަށްވާ ކުލީގެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެބިންތައް ކުއްޔަށް ނެގި ފަރާތުން އެހެން ފަރާތަކާއެކު އެގްރިމަންޓް ހަދައި އެބިންތައް ކުއްޔަށް ދީފައިވާ ކަމަށްބުނެ އޭސީސީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ތަހުގީގްކޮށް އެފައިސާ ދައުލަތަށް އަނބުރާ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެޗްޑީސީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ.

އެބިންތަކުގެ ކުއްޔާއި ޖޫރިމަނާ މިދިޔަ އަހަރުގެ މޭމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެޗްޑީސީއަށް ދަންކަންޖެހެ އެވެ. އެފައިސާ ހޯދުމުގެ މަސައްކަތް ކޯޓު މެދުވެރިކޮށް ކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ލިބިފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

އޭސީސީ އިން ބުނީ، ބޯޑު ރިސޮލިއުޝަނުން ފާސްކޮށްފައިވާ އެޗްޑީސީގެ މޯގޭޖް ޕޮލިސީ ނުވަތަ އެޗްޑީސީގެ ނަމުގައި
ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗާއި އިމާރާތާއި ނުއުފުލޭ މުދާ ރަހުނު ކުރުމަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި އުސޫލު އިސްލާހުކުރުމަށްވެސް އަންގާފައިވާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އެ ފަދަ ބިންތައް ކުއްޔަށް ދިނުމާއި މޯގޭޖްކުރުމަށް ހަދާ އެއްބަސްވުންތަކުގައި އެޗްޑީސީގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތަކަށް އެއްބަސްވުން އެކުލަވާލުމަށްވެސް އަންގާފައިވާނެ ކަމަށް އޭސީސީއިން ބުންޏެވެ.