ރިޕޯޓް

ސަރުކާރުގެ ކުންފުނިތައް ހަފުސްވެއްޖެ! މިވީ ކިހިނެތް؟

Oct 17, 2018
12

މި ދުވަސްވަރުގެ އެންމެ ހޫނު ބަހުސަކީ، ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓާ، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކޭޝްފްލޯ ދަށްވެ އެންމެ ފަހުން އެ ކުންފުނި މާލީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުމެވެ. އޭގެ ކުރިން މި މައްސަލަ ދިމާވީ ދައުލަތުގެ މަސްކުންފުނި މިފްކޯއަށެވެ. އެއާ އެކު އެ ކުންފުނި ކޮޅަށް ނަގަން ޖެހުނީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ދިއްކޮށްލި އެހީގެ އަތުގައި ހިފައިގެން އެވެ. ގެއްލުން ބޮޑުވެ އެންމެ ފަހުން އެމްއާރުޑީސީ ވެސް އުވާލަން ޖެހުނީ އެވެ. އޭގެ ފަހުން ގައުމީ އެއާލައިންގެ ދަށަށް ޕޯސްޓް އޮފީސް ގެންނަން ޖެހުނެވެ. ދައުލަތުގެ ކުންފުނިތަކަށް މާލީ މައްސަލަތައް ކުރިމަތިވެ ރީ-ސްޓްރަކްޗާ އަކާ ދިމަޔަށް ދާން ޖެހުނީ ކީއްވެ ހެއްޔެވެ؟

ކުންފުނިތައް ވިޔަފާރީގެ ވިސްނުމުން ބޭރުގައި

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލް ނެރުއްވި ސަރުކާރު ކުންފުނިތަކުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، ސަރުކާރުގެ ބައެއް ކުންފުނިތަކުން އެ ކުންފުނީގެ މެންޑޭޓުން ބޭރުން ވިޔަފާރީގެ ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ ވިސްނުމުން ބޭރުން އެ ކުންފުނީގެ މަގުސަދުތަކާ ހިލާފު ކަންކަން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަ ކުރެ އެވެ. އޮޑިޓް ރިޕޯޓުން އެކަންކަން ފެންމަތިވެފައި ހުރިއިރު، ބައެއް ކަހަލަ މިސާލުތަކާ ބަލައިލަމާ ހިނގާށެވެ. މިސާލަކަށް އެމްޕީއެލް އުފެއްދީ ޕޯޓްސްގެ ކަންކަމަށް ނަމަވެސް، އެންމެ ފަހުން އެ ކުންފުންޏަށް ޖެހިފައި މި އޮތީ ދަތުރުފަތުރުގެ ހިދުމަތް ދޭށެވެ. މާލެ، ހުޅުމާލެ ބަސްދަތުރުތަކާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ބަހާއި ފެރީގެ ހިދުމަތް އެ ކުންފުނިން މި ވަނީ ފަށައިފަ އެވެ. އެކަމަކު އެ ހިދުމަތްތައް ދިނުމަށް އުފެއްދި އެމްޓީސީސީ އެގޮތުގައި އެބަ އޮތެވެ. އެ ކުންފުނިން ވެސް ބައެއް ސަރަހައްދުތަކުގައި އެ ހިދުމަތް ދެ އެވެ. ހަމަ އެގޮތަށް ފެނެކަޔަށް ހަވާލުކޮށްފައި ވަނީ އަތޮޅުތަކުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމެވެ. ނަތީޖާއަކަށް ވަނީ ދައުލަތުގެ ކަރަންޓް ކުންފުނި ސްޓެލްކޯ އާއި ފެންކުންފުނި އެމްޑަބްލިއެސްސީ އުފެއްދި މަގުސަދާ އެއްކަންތައްތަކެއް ފެނަކައިން ކުރަން ޖެހުމެވެ. މީގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

"އެއް މަސައްކަތްތަކެއް ކުރުމަށްޓަކައި ގިނަ ކުންފުނިތަކެއް އުފެއްދުމަކީ ދައުލަތުން ރައުސުލްމާލުގެ ގޮތުގައި ދޫކުރަންޖެހޭ ފައިސާ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެކެވެ. ހަމަމިއާއިއެކު ކުންފުނިތަކުގައި ބޭނުންކުރާ މުވައްޒަފުން އަދި މަސައްކަތް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ޑުޕްލިކޭޓްވެގެންދާނޭކަމެކެވެ. އަދި ދިގު މުއްދަތަކަށް ބަލާނަމަ އެއް މަސައްކަތެއް ކުރާ ދެކުންފުނި އުފެއްދުމަކީ އޭގެން މަސައްކަތުގެ ސަމަކާރަކަން ކުޑަވެގެން ދާނޭ ކަމެކެވެ. މީގެ އިތުރުން ކުންފުނި އުފެއްދި މައިގަނޑު މަގުސަދުގެބޭރުން ކަންތައްތައް ހިމެނުމަކީ ކުންފުނިން ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކަށް ބުރޫއަރާނެ ކަމެއްކަމުގައި ދެކެމެވެ،" އޮޑިޓް ރިޕޯޓްގައިވެ އެވެ.

އެއް މަސައްކަތެއް ކުރާ ދައުލަތުގެ ބައިވަރު ކުންފުނިތައް އުފެއްދުމުގެ ސަބަބުން، އެފަދަ ކުންފުނިތައް ވިޔަފާރީގެ ވިސްނުމުން ބޭރުން ކުންފުންޏަށް ފައިދާ ނޫން ގޮތުގައި ނުބައި ނިންމުންތައް ނިންމަން ޖެހެ އެވެ. ބައެއް ފަހަރަށް ފެނަކަޔަށް ބައެއް ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި އެބަ ހުއްޓެވެ. ނަތީޖާއަކަށް ވަނީ އެ ކުންފުނީގެ ކެޕޭސިޓީ ނެތުމުން ސަބްކޮންޓްރެކްޓް އުސޫލުން އެކަން ކުރަން ޖެހުމެވެ. ގިނަ ފަހަރަށް އެ މޮޑެލް ރާއްޖޭގައި މަސައްކަތެއް ނުކުރެ އެވެ. އެންމެ ފަހުން މައްސަލައަކަށް ވަނީ، ކުންފުނިން ވެސް ބައިވަރު ހަރަދުތައް ކުރަން ޖެހި މަސައްކަތް ވެސް ނުނިމުމެވެ. އެންމެ ފަހުން އެމްއާރުޑީސީ ބަންދު ކުރަން ޖެހުނީ ވެސް މިކަހަލަ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ކުންފުނި ވެއްޓިގެން އެވެ.

ރަށްރަށުގައި އެމްއާރުޑީސީއަށް ހަވާލުކުރި މަގު ހެދުމުގެ ގިނަ މަޝްރޫއުތައް އިންޑިއާ އަދި ލަންކާ ކުންފުނިތަކާ ހަވާލުކޮށް އެތައް މިލިއަން ރުފިޔާއެއް އެޑްވާންސްގެ ގޮތުގައި ދޫކުރި އެވެ. އެކަމަކު އެ މަޝްރޫއުތައް މުއްދަތަށް ނުނިންމި އެންމެ ފަހުން މައްސަލަތަކުގެ ތެރެއަށް ވެއްޓުނެވެ. އޮޑިޓް ރިޕޯޓްތަކުން ފެންނަ ގޮތުގައި، އެ ކުންފުންޏަށް ދައުލަތުގެ ބަޖެޓުން 100 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދު ކުރި އެވެ. އެކަމަކު އެ ކުންފުނި ބަންދު ކުރަން ޖެހުނީ އެވެ.

ސިޔާސީ ހަރަކާތްތަކަށް ފައިސާ ޕަމްޕް ކުރުން

މިހާރު ފެންމަތިވެގެން އުޅޭ އެޗްޑީސީ މައްސަލައިގެ އަސްލަކީ އެ ކުންފުނިން ކުރަން ނުޖެހޭ ހަރަދުތަކެއް ސިޔާސީ ކަންކަމަށް ކުރުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭނަށް އެ ކުންފުނިން ގިނަ ހަރަދުތަކެއް ކުރި ކަމަށް އެ ކުންފުނީގެ އިސް މުވައްޒަފުންގެ ބަހުން އޮތީ ސާފުވެފަ އެވެ. އެ ކުންފުނީގެ ސީނިއާ މުވައްޒަފަކު ބުނި ގޮތުގައި، ކެމްޕޭން އިވެންޓްތަކުގެ ކެއުން ހަމަޖެއްސުމާއި، ކެމްޕޭނަށް އެ ރަށުގައި ދެމި ދިދަ ފަތިތައް ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ކުރީ ސީދާ އެ ކުންފުނީގެ ބަޖެޓުން އެވެ. ކެމްޕޭން ނިންމާލިއިރު 30 އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނިން ހަރަދު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ދުވާލެއްގެ މަގުން ބަލަންޔާ އެތައް ލައްކަ ރުފިޔާ އެކެވެ. މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިޔާސީ ކެމްޕޭނަށް އެ ކުންފުނިން ވަނީ ސަރުކާރުގެ އެހެން ކުންފުންޏަކުން ޕަމްޕް ނުކުރާ ވަރަށް ފައިސާ ޕަމްޕް ކޮށްފަ އެވެ.

ސީދާ ކެމްޕޭނާ ދިމާކޮށް 100 އެތައް މުވައްޒަފުންނެއް އެތަނަށް ވެއްދި އެވެ. އެ މުވައްޒަފުންގެ މުސާރަޔަށް އެ ކަނި ބެލިޔަސް އެއީ މަހެއްގެ މައްޗަށް މިލިއަނެއްހާ ރުފިޔާ އެވެ. ކުންފުނިތައް މި ލެވަލްއަށް ވެއްޓުނީމައި އެކަމުގެ ގެއްލުން ކުރިމަތިވަނީ ސީދާ ދައުލަތަށެވެ. ނަތީޖާއަކަށް ވަނީ ކުންފުނި މާލީ ދަތިކަމުން އަރައިގަންނަން އެ ކުންފުނީގެ އެސެޓްތައް ވިއްކާލަން ޖެހުމެވެ. ނޫނީ ކުންފުނި ބަންދު ކުރަން ޖެހުމެވެ.

މިފްކޯއަށް ވެސް ދިމާވީ އެކަހަލަ މައްސަލަގަނޑެކެވެ. ހިޔާނާތުގެ އެތައް މައްސަލަތައް މެދުނުކެނޑި މިފްކޯއާ މެދު އައީ ފެންމަތިވަމުން އެވެ. ނަތީޖާއަކަށްވީ މިފްކޯގެ ބުރަ އެސްޓީއޯ އުފުލަން ޖެހުމެވެ. އެއާ އެކު އެސްޓީއޯގެ ބެލެންސް ޝީޓުން އެ ހީނަރުކަން ފެންނަން ފެށި އެވެ. އެ ކުންފުނީގެ ފައިދާ ވެސް ދަށަށް ދާން ފެށި އެވެ.

އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، އެސްޓީއޯގެ ފައިދާ 2016 ވަނަ އަހަރާ އަޅާބަލާއިރު 2017 ގައި މި ވަނީ 269 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު މުޅި އެސްޓީއޯ ގްރޫޕަށް ލިބިފައި ވަނީ، 160 މިލިއަން ރުފިޔާގެ ސާފު ފައިދާ އެކެވެ. އެކަމަކު 2016 ގައި ސާފު ފައިދާއަށް 429 މިލިއަން ރުފިޔާ އެސްޓީއޯއިން ހޯދި އެވެ. އެހެން ވީމާ މިދިޔަ އަހަރު ނިމުނު އިރު އެސްޓީއޯގެ ފައިދާ މި ވަނީ 62.7 ޕަސެންޓް ސޮއްސާލައިފަ އެވެ.

އެމްއާރުޑިސީއަށް ވެސް ޖެހުނީ ހަމަ އެކަހަލަ ހާލެކެވެ. ސިމެންތި ގަންނަން ބަޔަކަށް ހަވާލުކުރި އެއްބަސްވުން ވެސް ފެއިލްވެ އެޑްވާންސްއަށް ދިން ފައިސާ ވެސް ނުލިބި އެ މައްސަލައިގެ ހިޔާނާތެއް ފެންމަތިވި އެވެ. މާ ބޮޑު އަގުގައި މެޝިނރީ ގަތް މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. އެ އަޑުތަކަށް މާ ގިނަ ދުވަހެއް ނުވެ، ދެން ފެނުނީ އެމްއާރުޑީސީ ބަންދުކޮށް ކުންފުނި އުވާލުމުގެ މަސައްކަތް ކުރަން ފެށުމެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަށަށް ޕޯސްޓް އޮފީސް ބަދަލު ކުރިއިރު، މޯލްޑިވިއަންގެ ހަރަދުގައި ޕީޕީއެމްގެ އެތައް ދަތުރެއް ކުރާ ކަމުގެ ތުހުމަތު އޮތީ ބޮޑުވެފަ އެވެ. އަދި ސީއެސްއާރުގެ ދަށުން ކަމަށް ބުނެ، ސޮދަގާތު ފައުންޑޭޝަންގެ ހަރަކާތްތަކަށް އެ ކުންފުނިން ހަރަދު ކުރުމުގެ މައްސަލަ ވެސް ބޮޑެވެ. އެ ހުރިހާ ކަމެއް ފެންމަތިވެފައި ވަނިކޮށް ޕޯސްޓް އޮފީސް މޯލްޑިވިއަންގެ ދަށަށް ބަދަލުކުރި އެވެ. އެކަމަކު އެއީ ކޮން ބޭނުމެއްގައި ކިހިނެތް އެޅި ފިޔަވަޅެއް ކަމެއް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އެކަން ކުރީ ކޮންމެވެސް އެއް ކުންފުންޏަކުން މައްސަލަތަކެއް ނިކުމެގެން އެވެ.

"ސަރުކާރުގެ ކުންފުނިތަކަށް މާބޮޑަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން މިދިޔަ އަހަރުތަކުގައި ކުންފުނިތަކަށް ފޫނުބެދޭ ގެއްލުން ވެއްޖެ. އެތައް ބޭކާރު ހަރަދުތަކެއް ގޮސް ކުންފުނިތަކުން ވިޔަފާރީގެ މަގުސަދުތަކާ ހިލާފު ކަންތައްތަކެއް ކުރަމުން ގޮސްފައި އެބަހުރި. އޭގެ ސަބަބުން އެ ބުރަ ބަޖެޓަށް އަންނަތަން މި ފެންނަނީ،" މީގެ ކުރިން ގިނަ ކުންފުނިތަކުގެ ބޯޑްގައި ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވި އެވެ. ސަރުކާރު ކުންފުނިތައް ބަދަލުވެގެން އައީ، ވަކި ބަޔަކު އާމްދަނީ ހޯދަަން ގެންގުޅޭ ތަނަކަށެވެ.

މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ފެނުނު މަންޒަރަކީ، ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ގޮތުން ނިންމުންތައް ނިންމަމުން ދިޔަ ތަނެވެ. ކޮންޓްރެކްޓްތައް އެވޯޑް ކުރުމުން ފެށިގެން ގޮސް މުވައްޒަފުން ނެގުމުގައި ބަލަމުން ދިޔަ މިންގަނޑަކީ ސަރުކާރުގެ ބްލެސިންއަށް ކަންތައްތައް ކުރުމެވެ. ބޯޑްގެ ނިންމުންތައް ސިޔާސީ އޯޑަރުތަކަށް ދީލައިލީ އެވެ. ވިޔަފާރި ފައިދާ އާއި ކުންފުންޏަށް އެންމެ ފައިދާވާ ގޮތް އެއްފަރާތް ކުރުމުގެ ނަތީޖާއަކަށްވީ ކުންފުނިތައް މާލީ މައްސަލަތަކުގެ ތެރޭގައި ތާށިވުމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ ދުޅަހެޔޮ ކުންފުނިތަކެއް އުފެދުމުގެ ބަދަލުގެ ސަރުކާރު ކުންފުނިތަައް އިތުރަށް ހާލުގައި ޖެހުމެވެ. ސަރުކާރު ކުންފުނިތަކަކީ ވަކި ބަޔެއްގެ ސިޔާސީ މަންފާއަށް މަސައްކަތް ކުރާ ބަޔަކަށް ބަދަލުވީ އެވެ.