ދުނިޔެ

އިންޑިއާއިން ސިރިސޭނާ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު

ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ އަވަހާރަކޮށްލަން އިންޑިއާގެ ޖާސޫސީ އިދާރާއިން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ. އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ސިރިސޭނާ އެ ތުހުމަތު ކުރެއްވީ އަންގާރަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ކަަމަށާއި އެމައުލޫމާތު އެނޫހަށް ދިނީ ބައްދަލުވުމުގަައި ބައިވެރި މަސްދަރުތަކަކުން ކަމަށެވެ.

ބައްދަލުވުމުގަައި ސިރިސޭނާ ވިދާޅުވި ކަމަށް ނޫހުން ބުނީ އިންޑިއާގެ ޖާސޫސީ އިދާރާ ،ރިސާޗް އެންޑް އެނަލިސިސް ވިންގް( ރޯ) އިން ސިރިސޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރި ނަމަވެސް އެކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

" އޭނާ އެހެން ވިދާޅުވުމުން އަަހަރެމެންނަށް ލިބުނީ ހަމަ ބޮޑު ހައިރާންކަމެއް،" ދަ ހިންދޫ ނޫހަށް މައުލޫމާތު ދިން މަސްދަރު ބުނި ކަމަށް އެނޫހުގެ ރިޕޯޓުގައި ވެއެވެ.

ނޫހުން ބުނީ އެވާހަކައިގެ ތެދު ދޮގު ބަލަން ލަންކާ ރައީސްގެ މީޑިއާ ޔުނިޓަށް ގުޅުމުން އެކަން ބެލުމަށް ފަހު ޖަވާބެއްް ދެއްވާނެ ކަމަށް އޮފިޝަލަކު ވިދާޅުވި ކަމަަށެވެ. ނަމަވެސް އޭގެ ފަހުން އަދި އެކަމާ ބެހޭ ގޮތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ރަނިލްގެ ދަތުރުފުޅެއް އެބަ އޮތް

އިންޑިއާގެ ޖާސޫސީ އިދާރާއިން ސިރިސޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތުކުރައްވާފައި މިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ. އެދަތުރުފުޅުގައި އޭނާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރައްވައި އިންޑިއާގެ އެހީގައި ލަންކާގައި ހިންގާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދަހިންދޫ ނޫހަށް މައުލޫމާތުދިން މަސްދަރުތަކާ ހަވާލާދީ އެނޫހުން ބުނީ ސިރިސޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރި ވާހަކަ ކެބިނެޓް ބައްދަލުވުމުގައި ދެއްކެވީ އެކަމާ މެދު ލަންކާ ސަރުކާރުން އަޅައިނުލި ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި ބުނީ ސިރިސޭނާ އެވިދާޅުވާ ރޭވުމުގެ ވާހަކަ ފުރަތަމަ ފެންމަތިވީ މިދިޔަ ސެޕްޓެމްބަަރުމަހު ކަމަށެވެ. އެ ގޮތުުން ލަންކާގައި ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އިދާރާއެއްގައި މަސައްކަތް ކުރާ ނަމަލް ކުމާރަ ނަމަކަށް ކިޔާ މީހަކު ސެޕްޓެމްބަރުމަހު އެވާހަކަ ދެއްކި ކަމަށާއި އެވާހަކައާ ގުޅިގެން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ( ސީއައިޑީ) އިން އޭނާއާ ސުވާލުވެސް ކުރި ކަމަށް ދަ ހިންދޫގެ ރިޕޯޓުގައި ވެއެވެ. އަދި އޭގެ ފަހުން ލަންކާ ފުލުހުން ވަނީ އިންޑިއާ މީހަކު ހައްޔަރުވެސް ކޮށްފައެވެ.

ލަަންކާ ސަރުކާރުން ކުރިން ދޮގުކުރި

ނަމަލް ކުމާރަ އާ ސުވާލުކޮން އިންޑިއާ މީހަކު ހައްޔަރު ކުރި ފަހުން އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓަށް ނިސްބަތްވާ ތޯމަސް ހެއިލިން ނަަމަކަށް ކިޔާ މީހަކު ވެސް އެފަދަ ތުހުމަތެއް ވަނީ ކޮށްފައެވެ. އޭނާއާ ހަވާލާދީ ލަންކާގެ ނޫސްތަކުން އޭރު ބުނީ އިންޑިއާގެ ޖާސޫސީ އިދާރާއިން ސިރިސޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރިކަން އޭނާއަށް ވެސް އެނގޭ ކަމަށެވެ. ނަމަވެސް ލަންކާ ސަރުކާރުން އޭރުގައި އެކަން ދޮގުކުރިއެވެ. ލަންކާގެ އިންފޮމޭޝަން މިނިސްޓަރު މަންގަލަ ސަމަރަވީރާ އޭރު އެކަން ސިފަކުރެއްވީ " ދޮގުމައުލޫމާތު ފެތުރުމުގެ ކެމްޕޭން" އެއްގެ ގޮތުގައެވެ.