ހަބަރު

ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ލިސްޓު ސްކޫލްތަކަށް ފޮނުވައިފި

Oct 17, 2018

އަންނަ އަހަރު ގްރޭޑް އެކަކަށް ދާ ކުދިންގެ ތެރެއިން ސަރުކާރު ސްކޫލްތަކަށް ވައްދާ ކުދިންގެ ލިސްޓުތައް އެ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވައިފި އެވެ. ބެލެނިވެރިންނަށް ކުދިންގެ މައުލޫމާތު ސްކޫލްތަކުން މިހާރު ބަލައިލެވޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ގްރޭޑް އެކަކަށް އަލަށް ވަންނަ ކުދިންގެ ތެރެއިން ސަރުކާރު ސްކޫލްތަކަށް ވައްދާ ކުދިންގެ ލިސްޓުތައް ސްކޫލްތަކުގެ ނޯޓިސް ބޯޑުންނާއި ހޯލުގައި ވެސް މިހާރު ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހޯދަން ބޭނުންވާ ބެލެނިވެރިންނަށް ސްކޫލްތަކާ ގުޅިގެން ފަސޭހަކަމާއެކު މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

"ކުދިން ހަމަޖެހިފައިވާ ސްކޫލްތަކުން، އެމީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބެލެނިވެރިންނާ ވާހަކަ ދައްކާނެ. އެހެންވީމާ ހުރިހާ ފަރާތްތަކުން ވެސް ވަގުތު އޮއްވައި މައުލޫމާތުތައް ބަލައި ޔަގީންކުރުމަކީ މުހިއްމު ކަމެއް،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކުދިން ސްކޫލްތަކަށް އެލޮކޭޓްކުރާ ދުވަސްވަރަކީ ގިނަ އަދަދަކަށް ބެލެނިވެރިންގެ ޝަކުވާ އިތުރުވާ ދުވަސްކޮޅެކެވެ. އެހެންނަމަވެސް އަދި އެފަދަ ޝަކުވާތަކެއް އަދި ފެންމަތި ނުވެ އެވެ.

މިދިޔަ އަހަރުވެސް މުޅި ރާއްޖެއިން ގާތްގަނޑަކަށް ހަތް ހާހެއްހާ ކުދިން ގްރޭޑް އެކަކަށް އަލަށް ވަނެވެ. މި އަހަރުވެސް އެ އަދަދަށް ކުދިން ވައްދާނެ ކަމަށް ބެލެވެ އެވެ.