ހުޅުމާލެ

ކެމްޕެއިނަށް ޖެހި ހޮޅިތައް ބޭރުކުރަނިކޮށް ހުއްޓުވައި ތަހުގީގު ކުރަނީ

Oct 17, 2018
8

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހުޅުމާލޭގައި ޖެހި ހޮޅިތަކެއް ބޭރުކުރަން ހުޅެނިކޮށް ފުލުހުން އެކަން ހުއްޓުވައިފި އެވެ.

ހުޅުމާލެއިން މިއަދު އެ ހޮޅިތައް ބޭރުކޮށް އެޗްޑީސީއިން މަސައްކަތް ކުރީ ހޮޅިތައް ވިއްކާލަން ކަމަށް އެނގިފައިވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހުޅުމާލެއިން ހޮޅިތައް ބޭރު ކުރާ ކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން އެކަން ހުއްޓުވިއިރު ގިނަ އަދަދެއްގެ ހޮޅިތައް ޖަމާކޮށް ބައެއް ހޮޅިތައް ދޯންޏަކަށް ވެސް އަރުވާފައި ހުއްޓެވެ.

ރައީސް ޔާމީންގެ ކެމްޕެއިނަށް އެޗްޑީސީއިން މިލިއަނުން ހަރަދުކޮށްފައިވާކަން ފަޅާ އަރާފައިވާއިރު އެކަމުގެ ސަމާލުކަން މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހަށް ވެސް ވަނީ ލިބިފަ އެވެ. އަދި އެ މައްސަލަ އެ ދެ މުއައްސަސާއިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެޗްޑީސީގެ ކޭސް ފްލޯ ދަށްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވެެސް ވަނީ ވިދާޅުވެފަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމާފައިވަނީ ވެސް އެހެންވެ އެވެ.