ހަބަރު

ރައީސް "ފިލަން" އުޅޭ ކަމަށް ބުނެ، އެކަން ހުއްޓުވަން ފުލުހަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާާއްޖެ ދޫކުރައްވައި ފިއްލަވަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަންގެ ފަރާތުން ފުލުހަށް މައްސަލައެއް މިރޭ ހުށަހަޅައިފި އެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުންގެ ޓީމެއް ވަނީ ރައީސް ޔާމީން ފިއްލަވަން އުޅޭ މައްސަލަ ހުށަހެޅުއްވުމަށް ފުލުހުންގެ އިދާރާއަށް މިރޭ ވަޑައިގަންނަވާފަ އެވެ. މައްސަލަ ހުށަހެޅުއްވުމަށްފަހު ފުލުހުންގެ އިދާރާއިން ނިކުމެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އިދިކޮޅުން މިރޭ ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމަށް އެކި ފަރާތްތަކުން މައުލޫމާތު ލިބެމުންދާތީ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ އާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ފެންމަތިވި މަނީލޯންޑްރިންގެ މައްސަލައެއް މިހާރު ފުލުހުން ތަހުގީގު ކުރަމުންދާއިރު އެމަނިކުފާނު ފިއްލެވުމަށް އުޅުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"...ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަވެސް ފުލުހުންގެ ޒިންމާއެއް އެމަނިކުފާނު ހުއްޓުވުމަކީ. އުންމީދުކުރަނީ ގާނޫނުގެ ތެރެއިން ރައީސް ޔާމީން އަށް ފުރާވަޑައިނުގެންނެވޭނެ ގޮތަށް ބަހައްޓައި އެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގު ކުރެއްވުމަށް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މާދަމާ ވެސް ފިއްލަވާފާނެ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެކަން ފުލުހުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް ނުފިއްލެވޭ ގޮތަށް ރާއްޖޭގައި ބަހައްޓައިގެން މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކޮށް ނިންމައިދިނުމަށް ވެސް ފުލުހުންގެ ފަރާތުން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު މަޖިލިސް މެންބަރެއް ކަމަށްވާ މުހައްމަދު ވަހީދު، ލޯޔަރު ވައްޑެ ވިދާޅުވީ، ރައީސް ޔާމީންކީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭ ހެކި ނައްތާލެވޭ ފެންވަރުގެ ބޭފުޅަކަށް ވާއިރު އެމަނުކުފާނު ފިއްލެވުމަކީ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ.

ރައީސް ފިއްލަވަން އުޅޭތީ އެކަން ތަހުގީގުކޮށްދޭން އެދި އިދިކޮޅުން ފުލުހަށް މައްސަލަ ހުށަހަޅާފައިވާއިރު ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނަކީ ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އުސޫލުތަކުގެ ތެރެއިން ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ގާނޫނީ އިމުގެ ބޭރަށް ވަޑައެއްނުގަންނަވާނެ ކަމަށާއި އިސްކުރައް ވާނީ ދީނާއި ގައުމިއްޔަތު ކަމަށެވެ. އަދި ހުންނަވާނީ ރައްޔިތުންނާއެކު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ރައީސް ފިއްލަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާއިރު ރައީސް މިއަދު ވަނީ ގައުމާ މުހާތަބުކުރައްވައި އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާފަދަ މޭރަމަކުން ވާހަކަފުޅު ދައްކަވައި މަގާމުން ދުރުވުމުގެ ކުރިން ފަހުބަސް ވިދާޅުވެފަ އެވެ. އެކަމަކު އިންތިހާބު ގަބޫލު ނުކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.